އައިޖީއެމްއެޗްގެ ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ސޮއިކުރައްވައި ޑިޕާޓްމަންޓުތަކަށް ފޮނުއްވި މެމޯގައި ވިދާޅުވީ އެ މަގާމަށް ނާރުގެ ބަލިތަކުގެ ހާއްސަ ޑރ. އަހުމަދު ރަޝީދު އަދި އޮޕަރޭޝަން ޑރ. އަބްދުﷲ އުބެއިދު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.
ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރުން ހަމަޖެއްސެވީ ކްލިނިކަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކޮށް، އިދާރީ ހިންގުން ހަރުދަނާކޮށް ހަލުއިކުރަން ކަމަށް ވެސް އެ މެމޯގައި ވެ އެވެ.
މެޑިކަލް ކަންކަން ބެލުމަށް އައިޖީއެމްއެޗްގައި މިހާތަނަށް ހުންނެވީ މެޑިކަލް ޑިރެކްޓަރަކާއެކު އެންމެ ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރެކެވެ.
ނަމަވެސް، އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަހުމަދު ރަޝީދު ހުންނެވީ މެޑިކަލް ކަންކަމަށެވެ. ޑރ. އުބެއިދު އިސްކޮށް ހުންނަވާނީ ސާޖިކަލް ކަންކަން ރަނގަޅު ކުރުމަށެވެ.