މަސްތުވާތަކެތިން ރައްކާތެރިވުމުގެ ގޮތުން އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ރާއްޖޭގެ ސްކޫލްތަކަށް ހާއްސަކޮށްގެން ހިންގަން ނޭޝަނަލް ޑްރަގް އެޖެންސީ (އެޗްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ އެޖެންސީގެ ބޯޑުގައި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރައްވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ އަލަށް ފަށާ ޕްރޮގްރާމް ތައްޔާރުކުރަނީ ރާއްޖޭގައި ތިބި ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ރާއްޖެއަށް ފެތޭ ގޮތަށް މިންގަނޑުތަކެއް ކަނޑައަޅައިގެން ކަމަށެވެ.
އެ މިންގަނޑުތަކަށް އެންޑީއޭ ބޯޑުން ހުއްދަދިނުމާ އެކު އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ހާއްސަ އުސޫލަކަށެވެ. އެކަމާ ގުޅޭ ގޮތުން އެކި ސަރަހައްދުގެ ސްކޫލުތަކުގެ އިސް ވެރިންނާ އެކު މަޝްވަރާތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންޑީއޭގެ އަމާޒަކީ އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާ އެކު، މި ޕްރޮގްރާމް ވެސް ފެށުމެވެ.
"ހިޔާލަކީ ސްކޫލުތަކުން މެދުނުކެނޑި ކުރާ ކަމަކަށޭ އެކަން ވާނީ،" ކުރީގެ ތަޖުރިބާތަކަށް އިޝާރަތްކުރައްވައި، ޑރ. ރަޝީދު ވިދާޅުވި އެވެ.
ކުރިން ވެސް ސްކޫލްތަކުގައި އެފަދަ ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ނަމަވެސް އެކަން އޮންނަނީ މާލެއިން ބަޔަކު ގޮސް ސެޝަނެއް ނަގާލުން ކަހަލަ ގޮތަކަށެވެ.
"ދެން އެ ހިސާބުން އެކަން ނިމުނީ. ސަސްޓެއިނަބްލް ގޮތަކަށް ނުވީމަ އެއްވެސް ކަހަލަ އިމްޕެކްޓެއް އެކަމަކުން ނާންނާނެ،" ކުރީގެ ޕްރޮގްރާމްތަކުގެ ތަޖުރިބާގައި ޑރ. ރަޝީދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށާއި އެ ވަބާއިން ރައްކާތެރިވާން އެންޑީއޭއިން މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. ސްކޫލުތަކާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަކީ އޭގެ ތެރެއިން ބައެކެވެ.
ޑރ. ރަޝީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތިން ރައްކާތެރިވާން ކުރެވިދާނެ ބައެއް ކަންކަމުގައި ބޭނުންކުރެވޭނެ މައުލޫމާތު ސްކޫލު ކަރިކިއުލަމްގައި ވެސް އެބަ ހުއްޓެވެ.
"ސްކޫލު ތެރެއިން ވެސް މިހާރު ޕީއީ އަދި ސޯޝަލް ސްޓަޑީޒްގެ ދެ މާއްދާ ތެރޭގައި ހުންނާނެ ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް. ޕްރިވެންޝަނަށް ބޭނުންވަނީ ދިރިއުޅުމުގެ ހުނަރުތައް އަސްލު ހަގީގަތުގައި،" ޑރ. ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ ހައްލަކީ ރަނގަޅަށް ކަރިކިއުލަމް ތަންފީޒުކުރުމެވެ.
"އެ މަސައްކަތް ކުރަން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެންޑީއޭއިން ސްކޫލުތަކާ ގުޅިގެން ކުރިއަށް ގެންދިއުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުމެއް،" ޑރ. ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ވަރަށް ކުޑައިރު ބައެއް ކުދިން މަސްތުވާތަކެތި ބޭނުންކުރަން ފަށަ އެވެ. ނަމަވެސް އެކަމާ ގުޅޭ ފަހުގެ ދިރާސާއެއް ނެތެވެ.