ރާއްޖެ އިން ވެސް ކޮވިޑް-19 ފެނިފައިވާތީއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑައިލަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް މިރޭ އެދިއްޖެ އެވެ.
ޑޮކްޓަރުން ތަމްސީލްކުރާ ޖަމިއްޔާ އިން ކުރި ޓުވީޓެއްގައި ބުނީ، މި ދުވަސްވަރު އާންމު އެއްވުންތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑައިލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެގޮތަށް އަމަލު ކުރަންޖެހެނީ މެޑިކަލް އެސޯސިއޭޝަނުން ބުނިގޮތުގައި، ކޮރޯނާވައިރަސް ފެތުރުނަ ނުދިމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
ޑޮކްޓަރުންގެ ޖަމިއްޔާގެ މި ގޮވައިލުން އައި ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ.
ކުޑަކުދިންގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފްއާ ސޯޝަލް މީޑިއާގައި މީހަކު މިއަދު ކުރި ސުވާލަކާ ގުޅިގެން އޭނާ ވެސް ވިދާޅުވީ، މި ދުވަސްވަރު އެންމެ ބުއްދިވެރީ ސްކޫލްތައް ބަންދު ކުރުމެވެ. ޑރ. ނިޔާފްގެ ހިޔާލަކީ މި ހާލަތުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައި ދިނުމެވެ.
"ބުއްދިވެރި ކަަމަކަށް ވާނެ [ސްކޫލްތައް] ބަންދުކުރުން. އަދި އެކަށީގެންވާ ނަަމަ އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތްތަކެއް ހޯދިދާނެ، ހާއްސަކޮށް މަތީ ގްރޭޑްތަކަށް،" އެ ސުވާލުގެ ޖަވާބުގައި އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑރ. ނިޔާފް ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިހާރު ހިނގަމުން މިދަނީ ސްކޫލްތަކުގެ މިޑް ޓާމްގެ ބަންދެވެ. އެ ބަންދަށް ފަހު ސްކޫލްތައް ހުޅުވޭނީ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ނަމަ އަންނަ އާދިއްތަ ދުވަހެވެ. އެ އަށް ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުގައި އަދި ނެތެވެ.
މެޑިކަލް އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނީ، މި ދުވަސްވަރު އާންމު އެއްވުންތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑައިލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެގޮތަށް އަމަލު ކުރަންޖެހެނީ މެޑިކަލް އެސޯސިއޭޝަނުން ބުނިގޮތުގައި، ކޮރޯނާވައިރަސް ފެތުރުނަ ނުދިމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަަކުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ އިޓަލީގެ ޓޫރިސްޓު މީހާއާ މާލެ އިން ދިމާވި އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ނަމަ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށެވެ.
އެކަމަކު، އިޓަލީ މީހާއާ ކޮންޓެކްޓުވި، ޔުނިވާސަލްގެ ޓިކެޓިން އޮފީހުގެ މުވައްޒަފުގެ ގައިން ކޮވިޑް-19 ބައްޔެއް ނުފެނުނެވެ.
"އެ ރިޒަލްޓް އެއީ ޕޮޒިޓިވް ރިޒަލްޓަކަށް ވީ ނަމަ މާލޭގެ ސްޓޭޓަސް ބަދަލުވާނެ. [ޕޮޒިޓިވް] ވީ ނަމަ ސްކޫލްތައް ބަންދުކުރާނެ. މި ވަގުތަށް އަޅުގަނޑަށް އެެނގެން އޮތް ގޮތުން ސްކޫލްތައް ބަންދުކުރާކަށް ނިމިފައެއް ނެތް،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ބާއްވާ އެއްވުންތައް ނުބޭއްވުމަށް ސަރުކާރުންނާއި ސިއްހީ ދާއިރާގެ އޮފިޝަލުން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. އަދި ސްކޫލްތަކުގެ ކިޔެވުމާއި އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި ވަގުތަށް ފަސްކުރަން ސިއްހީ ދާއިރާގެ އޮފިޝަލުން ދެއްވާ އިރުޝާދަށް ގޮތެއް ނިންމަން ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަހަތު ފަޔަށް ބުރަވާ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް މެމްބަރުން ބޮޑަށް ބުރަވަނީ ގިނަ ބަޔަކު އެއްވެ، ވޯޓުލާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްނުކުރުމަށެވެ.
އަދި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަން ވެސް އޮތީ އެކަމަށް ގޮތެއް ނިންމަން ނުކުޅެދިފައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ބަލި ހަ މީހަކަށް ޖެހިފައިވާއިރު، އެ އެންމެންނަކީ ބިދޭސީންނެވެ.