ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހަދައިގެން އެކި މީހުންނަށް މެސެޖްކުރަމުންދާ މައްސަލައެއް ބަލައިދޭން އޭނާ މިއަދު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.
ޓުވިޓާގައި ނިޔާފް ވިދާޅުވީ އޭނާގެ ނަމުގައި ފޭސްބުކް ފޭކް އެކައުންޓެއް ހަދައިގެން އެކި މީސް މީހުންނަށް މެސެޖްކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއްވެސް މީހަކަށް އޭނާ އިސްވެ މެސެޖް ނުކުރައްވާ ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވާން ނިޔާފް ވަނީ އެދިވަޑައިގެންފަ އެވެ.
ނިޔާފް ވިދާޅުވި ގޮތުގައި ފޭސްބުކް މެދުވެރިކޮށް އެއްވެސް މީހަކާ އިސްވެ އޭނާ ވާހަކަ ނުދައްކަވާއިރު، އޭނާ އަކީ މީހުންނަށް ފްރެންޑް ރިކުއެސްޓް ވެސް ފޮނުއްވާ ބޭފުޅެއް ނޫނެވެ. ނިޔާފްގެ ނަމުގައި މެސެޖް ފޮނުވާ އެކައުންޓުން، ގާތުން ކިރުދޭ މައިންގެ އުރަމަތީގެ ފޮޓޯ ފޮނުވަން އެދޭ ކަމަށް ވެސް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ބަލައި ނިމެންދެން ނިޔާފް ވަނީ އޭނާގެ ފޭސްބުކް އެކައުންޓް ޑީއެކްޓިވޭޓްކޮށްފަ އެވެ. އަދި އޭނާގެ ނަމުގައި އެއްވެސް މީހަކަށް މެސެޖް ފޮނުވައިފި ނަމަ މައްސަލަ ރިޕޯޓްކުރަން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.