ގދ. އަތޮޅުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު ފިހި، ކޯސްޓް ގާޑުގައި އޭނާ ތިނަދުއަށް މިއަދު ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ މަޑަވެލި ކައިރީގައި އޮތް ކަނދުފައްޗެއް ދޮށުގައި މަސްވެރިކަން ކުރަމުން ދިޔަ "ކުރިމަގު" ދޯނީގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އުމުރުން 53 އަހަރުގެ މަސްވެރިއެއްގެ އަތް ފިހުނު ކަމަށެވެ. ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައީ އޭނާގެ "ހާލު ދެރަވެގެން" ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ނުދެ އެވެ.
އޭނާއަށް ފަރުވާދެމުން އަންނަނީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.
އެމްއެންޑީއެފަށް ހާދިސާގެ ރިޕޯޓް ލިބުނީ، މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މެންދުރު 1233 ހާއިރު އެވެ. ފިހުނު މީހާ ތިނަދުއަށް ގެންދެވުނީ 1316 ގަ އެވެ.
ދޯންޏާ ހަމައަށް ކޯސްޓް ގާޑަށް ދެވުނު އިރު އަލިފާން ނިއްވާލާފައިވާ ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ. އެކަމަކު އަލިފާން ރޯވީ ކިހިނެއް ކަމެއް ބުނެފައެއް ނުވެ އެވެ.