ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ބޭރު ފައިސާގެ ގާނޫނު ފާސްކުރުމާ އެކު ހާއްސަކޮށް ރިސޯޓް މުވައްޒަފުންގެ ތެރޭގައި އުދާސްތަކެއް ވަނީ އުފެދިފަ އެވެ. އެއާ އެކު، މިވަގުތު ޑޮލަރުން މުސާރަ ލިބޭ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ އަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުގައި އޭރު ވެސް އަދި މިހާރު ވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ޒަމާނުއްސުރެ އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑުވެ، ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ތަންފީޒީ ފިޔަވަޅުތަކެއް "ފޮރެކްސް ގާނޫނު" ގެ ދަށުން އަޅައިފަ އެވެ. ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓްތަކުގެ ނަންތައް ޢާއްމުކުރުމުގެ އިތުރުން، ގަވާއިދާ ހިލާފުވި ބޭރު ފައިސާ މާރުކުރާ އެކްސްޗޭޏްޖަރެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން، ގަވާއިދާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ ނަމަ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ތަންފީޒީ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ހޯދައިދިނުމަށް އެމްއެމްއޭ އިން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. ޑޮލަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ރުފިޔާ އިން މުއާމަލާތް ކުރުމަކީ މަރުކަޒީ ބޭންކު އުފެދުނީއްސުރެ ގެންގުޅޭ ތަސައްވުރެއް ކަމަށް އެ އިދާރާ އިން ފާހަގަކުރި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ އެކަން ހާމަކުރައްވައިފަ އެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކަށް ބަލާއިރު ވެސް އެ ގައުމެއްގެ އެތެރޭގެ ބާޒާރުގައި ބޭނުންކުރާނީ އެ ގައުމެއްގެ ފައިސާ އެވެ.
އެމްއެމްއޭގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ރާއްޖޭގެ އެތެރޭގައި ކުރާ މުއާމާލާތްތައް ރުފިޔާ އަށް ބަދަލުކުރާނީ އެކަމަށް ގެންނަންޖެހޭ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް އެކަމަށް ތައްޔާރުވެ، އިގުތިސާދަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށާއި 2030 ވަނަ އަހަރުގެ ނިޔަލަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާހު ފާސްކުރުމުގެ ކުރިން، ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވަނީ ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ އިތުރުން ދެން ހުންނަ ފައިސާ ހޭދަކުރަނީ ކޮންކަމަކަށްތޯ ބެލޭނެ ގޮތް ހެދުމަށް ނުވަތަ މޮނިޓާރިން ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ދެ އިހުތިޔާރެއް ދެ އެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮަލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.