ސަރުކާރުގެ ފަރާތުން ފެންނަނީ ޑޮލަރު އިސްރާފު ކުރާތަން ކަމަށާއި ލިބުނު ޑޮލަރު ބޭނުން ކޮށްގެން ކުރަން ނުޖެހޭ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރާ ބައިގެ ތެރޭ 3.5 ބިލިއަން ޑޮލަރު ވަދެފައިވާ ކަމަށާއި އަދި ދަރަނި އަދާކުރުމަށް ފަހު ވެސް 2.6 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. 

އަމީރު ވިދާޅުވި ގޮތުގައި، ޑޮލަރާ ގުޅިގެން ސަރުކާރުން ދައްކާ ވާހަކައެއް ދިމަލެއް ނުވެ އެވެ. 

"ކުރިން ކުރަން ނުޖެހޭ ވަރަށް ގިނަ ކަންތައްތައް ޑޮލަރުން އިސްރާފު ކުރަމުން މިދަނީ. ޑްރޯން ގަތީ. ރަސްމާލެ ހިއްކީއޭ. އޭގެ އިތުރު ގޮތް ނޭންގޭ އެތައް ކަމެއް އެބަކުރަމުންދެއޭ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި ވަގުތު ބްރޯޑް މަނީ ގްރޯތް ހުރީ އަހަރުން އަހަރަށް ބަލާ އިރު 22 ޕަސެންޓްގައި ކަމަށާއި ކުރީގެ ސަރުކާރު ނިމުނު އިރު 59 ބިލިއަން ރުފިޔާގައި ކަމަށެވެ. މިވަގުތު އެ އަދަދު ވަނީ 78 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށައި އެއީ ގާތްގަނޑަކަށް 33 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އަމީރު ވިދާޅުވި އެވެ.

"ހަގީގަތުގައި ނުކުރާ ކަމަކީ ހަރަދު ކުޑަކުރުން. އެހެން ހުރިހާ ކަމެއް ސަރުކާރުން ކުރޭ. މިސާލަކަށް ޑޮލަރުން ޑްރޯން ގަނެފި. ގާތްގަނޑަކަށް ލަފާކުރެވޭ ގޮތުގައި ޑްރޯން ގަންނަން 85 މިލިއަން ޑޮލަރު ހޭދަކުރި. ރަސްމާލެ ހިއްކުމުގެ ނަމުގައި ބޭރުގެ ފަރާތްތަކަށް ގާތްގަނޑަކަށް 180 މިލިއަން ޑޮލަރު، 200 މިލިއަން ޑޮަލަރާ ގާތްކުރާ އަދަދެއް ހަރަދު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ވެސް ޑޮލަރުން 2.6 ބިލިއަން ޑޮލަރު ހޯދާނެ ކަމަށް ޖެހި ނަމަވެސް، ލިބުނީ 800 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން ބޮޑު ބަޔަކީ ކުރީގައި ހިންގަން އެއްބަސްވެފައިވާ ޕްރޮޖެކްޓްތަކަށް ލިބުނު ފައިނޭންސިން ކަމަށެވެ. އޭގެ ބޭރުން އެއްވެސް ފައިސާއެއް ސަރުކާރަށް ނުހޯދޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑޮލަރުގެ ޕްރެޝަރު އުފެދިގެން މިއުޅެނީ މިފަދަ ސަބަބުތަކަށްޓަކާ ކަމަށެވެ.

ޑޮލަރުގެ ޕްރެޝަރު އިތުރުވެ، ކަޅު ބާޒާރުގައި އަގު އިންތިހާއަށް އުފުލިފައިވާ އިރު، ސަރުކާރުން ވަނީ އެކަމަށް ހައްލެއް ހޯދުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ މެދުވެރިކޮށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިތުރު އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. 

އެކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ޖަމިއްޔާ، މަޓީއިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.