ދުނިޔޭގެ ނިސްބަތުން ވިޔަފާރި ކުރަން އެންމެ ފަސޭހަ 50 ގައުމުގެ ތެރޭގައި ރާއްޖެ ހިމަނަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި މި އަހަރު ރާއްޖެ ވަނީ ފަހަތަށް ގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ނެރުނު މި އަހަރުގެ އަދަދުގައި ރާއްޖެ އަށް ލިބިފައި ވަނީ 135 ވަނަ އެވެ. އެއީ މިދިޔަ އަހަރު ލިބުނު 129 ވަނަ އަށް ވުރެ ހަ ދަރަޖައިގެ ދަށްވުމެކެވެ.

ޑުއިން ބިޒްނަސް އިންޑެކްސްގެ ބައިތައް (2017):

- ވިޔަފާރި ފެށުން: 65 (ހަތަރު ދަރަޖަ ފަހަތަށް)

- އޮފީސް ރަޖިސްޓްރީ ކުރުން: 171 (އެއް ދަރަޖަ ފަހަތަށް)

- ލޯނު ހޯދުން: 133 (އެއް ދަރަޖަ ފަހަތަށް)

- ޓެކްސް ދެއްކުން: 134 (ފަސް ދަރަޖަ ފަހަތަށް)

- ގުދަން ހެދުން: 62 (ދެ ދަރަޖަ ފަހަތަށް)

- އަލަށް ހަދާ ގުދަނަކަށް ކަރަންޓުލުން: 145 (އެއް ދަރަޖަ ފަހަތަށް)

- މުދާ އެތެރެކޮށް ބޭރުކުރުން: 147 (ބަދަލެއް ނާދެ)

- ކުދި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށްދިނުން: 123 (ފަސް ދަރަޖަ ފަހަތަށް)

- އެއްބަސްވުންތައް ތަންފީޒު ކުރުން: 105 (ދެ ދަރަޖަ ފަހަތަށް)

- ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުން: 135 (އެއް ދަރަޖަ ފަހަތަށް)

އެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މަތިކުރަން ސަރުކާރުން އުފައްދާފައިވާ ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ފައްޓަވައި ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވިޔަފާރި ކުރަން ހުރި ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މި އަހަރަށް ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވާފައިވާ ޝިއާރު ކަމަށްވާ "އިގްތިސާދީ ފުދުންތެރިކަން - އިޖުތިމާއީ ހަމަޖެހުން" އިން ވެސް އެކަން ރަމްޒުކޮށް ދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޯ ފާމްތަކުގެ އޮފިޝަލުންނާ އެކު މިއަދު އެ ބައްދަލުވުން ބޭއްވިއިރު، ކަމާ ބެހޭ އެެހެން ދާއިރާތަކުގެ ފަރާތްތަކާ ވެސް ބައްދަލުކޮށް، ވިޔަފާރި ކުރަން ހުރި ދަތިތައް ދެނެގަނެ، އެ ކަންކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

އެކަމަކު، އޭނާ ވަނީ ވޯލްޑް ބޭންކުން މި އިންޑެކްސް އެކުލަވާލާ ގޮތަށް ވެސް ކޮންމެ ވެސް ވަރަކަށް ފާޑު ވިދާޅުވެފަ އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މި އިންޑެކްސްގައި ހިމަނާ ބައެއް ކަންކަމަކީ ރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެ ގޮތުން، އޭނާ ނެންގެވި މިސާލަކީ ކަރަންޓުލުމަށް ފަސޭހަ މިންވަރު ބަަލާއިރު، ރާއްޖޭގެ ރިސޯޓުތަކަށް ކަރަންޓް ލަނީ މުޅިން ވަކިން، އަމިއްލަ އަށް ކަމެވެ.

"ރިސޯޓެއް ހުޅުވާއިރު އެއީ ދުނިޔޭގެ ސްޓޭޓެއް، ސިޓީއެއް ފޯމް ވާ ގޮތަށް ރިސޯޓެއް މި ފޯމް ވަނީ. އެއީ އަމިއްލަ ވޯޓާ، އަމިއްލަ ސެނިޓޭޝަން، އަމިއްލަ ވޭސްޓް މެނޭޖްމަންޓް ސިސްޓަމް، އަމިއްލަ އިލެކްޓްރިސިޓީ، އަމިއްލަ ވޯޓާ ސަޕްލައި، އަމިއްލަ އެމްޕްލޯއިމަންޓް، މި ހުރިހާ އެއްޗެއް،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑަކަށް ހިއެއް ނުވޭ މާ އެކިއުރޭޓް ވާހަކައެއް ހެންނެއް އެއީކީ."

މިއަދުގެ ބައްދަލުވުމުގައި ބައެއް ލޯ ފާމްތަކުގެ އޮފިޝަލުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދުގެ ބައްދަލުވުމުގައި ބައެއް ލޯ ފާމްތަކުގެ އޮފިޝަލުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އޭނާ ވަނީ އަމިއްލަ ފަރާތްތަކުން ވެސް މި އިންޑެކްސްގައި ހިމެނޭ މައުލޫމާތުތައް ރަނގަޅަށް ދިރާސާކޮށް، ސައްހަ މައުލޫމާތު ފޯރުކޮށް ދޭން އެދިވަޑައިގެންފަ އެވެ.

ދެ ހާހުގެ ކުރީކޮޅު ވޯލްޑް ބޭންކުން ނެރެން ފެށި ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ ފުރަތަަމަ ފަހަރަށް ހިމެނީ 2008 ގަ އެވެ. ފުރަތަމަ ފަހަރަށް ދަރަޖަ ކުރިއިރު 54 ވަނައިގައި އޮތް ރާއްޖޭގެ ހާލަތު ވަނީ 2012 އާ ޖެހެންދެން ދަށަށް ގޮސްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ އަހަރު ވެސް ބޮޑު ކުރިއެރުމެއް ރާއްޖޭން ހޯދި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ހާލަތު ދަށަށް ދާން ފެށީ 2015 ގަ އެވެ.

ރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫ ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނިއިރު، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އަދި އެ މަނިކުފާނު ޕްރޮމޯޓު ކުރައްވަނީ އިގްތިސާދީ އެޖެންޑާ އެކެވެ. އެ ގޮތުން، ބޭރުގެ އިންވެސްޓްމަންޓުތައް ރާއްޖެ ގެނައުމާއި ވިޔަފާރި އަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުމަކީ އެ މަނިކުފާނުގެ އެޖެންޑާގެ އެންމެ މުހިއްމު އެއް ބައެވެ.

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އަކީ ވޯލްޑް ބޭންކުން ކުރާ އެންމެ މުހިއްމު ދިރާސާ އެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ އިތުރަށް، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެއްގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް މި އިންޑެކްސް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.