ބޮލީވުޑްގެ އެކްޓަރު އަދި ފިލްމު އުފެއްދުންތެރިޔާ ސޮހައިލް ޚާން، އޭނާގެ ކުރީގެ އަންހެނުން ސީމާ ސަޖްދޭއާ ވަރިވާން ޖެހުނު ސަބަބު ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.

ސުހައިލް އެކަން ހާމަކުރީ އޭނާ މިހާރު ބައިވެރިވަމުން އަންނަ "އެލަޔަންސް" ރިއަލިޓީ ޝޯގަ އެވެ.

އެމަޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރާ އެ ޝޯގެ ފަހުގެ އެޕިސޯޑެއްގައި ސީމާ ވަނީ ވައިލްޑްކާާޑް ބައިވެރިއެއްގެ ގޮތުގައި ޝޯއާ ގުޅިފަ އެވެ. ސީމާ ފެނުމުން ސޮހައިލް އުފާވިކަން ހާމަކޮށް، ކައިވެނި ރޫޅުމުގެ ޒިންމާ އޭނާ އަމިއްލައަށް ނަގާފައިވެ އެވެ.

ކައިވެނި ރޫޅުމުގައި ކުށްވެރީ ކާކުތޯ ޝޯގެ ހޮސްޓު ސުވާލުކުރުމުން ސޮހައިލް ބުނީ އެ ދުވަސްވަރު އޭނާގެ ފިލްމީ މަސައްކަތްތައް މާ ރަނގަޅަށް ނުހިނގާ ކަމަށެވެ.

"އެހެންވެ އަހަރެން ހުރީ ނަފުސާނީ ގޮތުން އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން ހުރީ. އަހަރެންގެ އުޅުން ހުރިގޮތުން، އަހަރެން ހިތުގެ އަޑިން ލޯބިވި މީހަކު އަހަންނަށް ގެއްލުނީ،" ސޮހައިލް ބުންޏެވެ. 

ސޮހައިލް ބުނީ ސީމާއަކީ އޭނާގެ ދެ ކުދިންގެ މަންމަ ކަމަށް ވުމުން، ލޯބިވުމުގެ އިތުރުން އޭނާއަށް ކުރާ އިހުތިރާމް ވަރަށް ބޮޑު ކަމަށެވެ. އަދި އެ ޝޯގެ ސަބަބުން ދެމީހުންގެ މެދުގައި މެދުކެނޑިފައި އޮތް ގުޅުން އަލުން އާލާވެ، ވާހަކަދައްކާލަން ފުރުސަތު ލިބުމުން ޝޯއަށް ޝުކުރު އަދާކުރާ ކަމަށް ވެސް ސޮހައިލް ބުންޏެވެ.

އެ ޝޯގެ ތެރޭގައި ސޮހައިލް ހާމަކުރި ގޮތުގައި، އެ ދެމީހުން ވަރިވި ނަމަވެސް އެމީހުންގެ ދެ ފިރިހެން ދަރިން ކަމަށްވާ ނިރްވާން އާއި ޔޯހާން ދިރިއުޅެނީ ސޮހައިލްއާ އެކުގަ އެވެ. ނަމަވެސް، ސީމާ ހަފުތާއަކު ތިން ފަހަރު ކުދިންނާ ބައްދަލުކުރަން އެ ގެއަށް ދެ އެވެ. އަދި ސީމާ އަތުގައި އަދިވެސް ސޮހައިލްގެ ގޭގެ ތަޅުދަނޑި އޮވެ އެވެ. 

ކުދިންގެ ސަޕޯޓަށް ބަލާއިރު، ހަގު ދަރިފުޅު ޔޯހާން ސަޕޯޓްކުރަނީ މަންމަ ސީމާއަށް ކަމަށާއި ދޮށީ ދަރިފުޅު ނިރްވާން ބޭނުންވަނީ ބައްޕަ ސޮހައިލް ޝޯއިން މޮޅުވާން ކަމަށް ސީމާ ބުންޏެވެ.

ސޮހައިލް އާއި ސީމާ ކައިވެނިކުރީ އާއިލާއަށް ސިއްރުން، 1998 ވަނަ އަހަރު ގެއިން ފިލައިގެން ގޮސްގެންނެވެ. އެމީހުންގެ 24 އަހަރުވީ ކައިވެންޏަށް ފަހު ދެމީހުން ވަކިވީ 2022 ގަ އެވެ. ވަރިވި ނަމަވެސް ސީމާ އަދިވެސް ސޮހައިލްގެ އާއިލާގެ އެކި ހަފުލާތަކުގައި ބައިވެރިވެ އެވެ.

ކުނާލް ކެމޫ ހޯސްޓްކުރާ "އެލަޔަންސް"އަކީ މިހާރު ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެކެވެ. އެކްޓަރުންނާއި އިންފްލުއެންސަރުން އަދި ޔޫޓިއުބަރުން ބައިވެރިވާ އެ ޝޯއިން މިހާތަނަށް ރަވީ ކިޝަން، ވަންޝާޖް ސިންގް، ސެބީ ސޫރީ އަދި ޑޮލީ ޖާވީދް ވަނީ ކަޓައިފަ އެވެ. އެ ޝޯގެ އާ އެޕިސޯޑްތައް ކޮންމެ ދުވަހަކު މެންދުރު 12 ޖަހާއިރު ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރެ އެވެ.