ޝަރަފުލް އަމީރު، އެންމެ ކުރަން ބޭނުންވި ދެ ކަމަކީ، ޑައިވް ކުރުމާއި ފޮޓޯ ނެގުމެވެ. އެ ދެ ކަންތައް އެކުގައި ގުޅުވައިލީމާ ޝަރަފްގެ މި ވާހަކަ ފުރިހަމަ ވެއެވެ. ގދ. ފަރެސްމާތޮޑާ އަށް އުފަން ޝަރަފް، 31، އަކީ ޑައިވިން ފޮޓޯގްރާފަރެވެ. އޭނާ ހާއްސަ ވަނީ ޑައިވިން ފޮޓޯ އަދި ވީޑިއޯގްރަފީ އަށެވެ. އެ ކެމެރާ ހިފައިގެން ކަނޑުގެ 30 މީޓަރު އަޑިއަށް އޭނާ ފީނަ އެވެ. ކަނޑުގެ ގުދުރަތީ ހިތްގައިމު މަންޒަރުތައް އޭނާ ކުލަކޮށްދެ އެވެ.
ރާއްޖެގެ ކަނޑުގެ އަޑީގެ މަންޒަރުތައް ނެގުމަށް އޭނާ އަށް އޮތް ޑިމާންޑް ބޮޑެވެ. ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް އެ މަންޒަރު ކުލަ ކޮށްދޭން އެންމެ ފަސޭހައިން އަތު ޖެހޭނީ ޝަރަފްގެ "ވަން ޝޮޓް" އެވެ.
ފޮޓޯ ގްރާފަރަކަށް ވާ ހިތުން އުޅުނު ޝަރަފްގެ ފުރަތަމަ އިންޓަވިއުގައި އޭނާ ފެއިލްވީ އެވެ. ނޫނެކެވެ؛ ޝަރަފްގެ ބަހުންނަމަ އޭނާ ފެއިލްކޮށްލީ އެވެ.
"ސްޓޫޑިއޯއެއްގެ ފޮޓޯގްރާފާ އިންޓަވިއު އަކަށް ދިޔައީމަ މޭޒެއްގެ މަތީގައި ހުރި ބިއްލޫރި ފުޅިއެއް ދައްކާފައި އަޅުގަނޑު ކައިރީ ބުނީ އެ ފުޅީގެ ފޮޓޯއެއް ނަގާބަލަށޭ. ވަރަށް ކެމެރާ އަށް ވެލާފައި އަޅުގަނޑު ފޮޓޯއެއް ނަގާފައި ދެއްކާލީމަ ބުނީ ކަލޭ އަކަށް ފޮޓޯ އެއް ނުނެގޭނޭ،" ފޮޓޯގްރާފަރަކަށް ވާ ހިތުން ފުރަތަމަ ދިޔަ އިންޓަވިއުގައި ކަންތައް ދިމާވި ގޮތް ޝަރަފް ކިޔައިދިނެވެ.
އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާ ނެގި ބިއްލޫރި ފުޅީގެ ފޮޓޯ އަކީ ހިތްގައިމު ރީތި ފޮޓޯ އެކެވެ. އަދި އެ ބިއްލޫރި ފުޅިން ނެގި ފޮޓޯއިން "ރިފްލެކްޓް ވި" މަންޒަރުވީ އުމުރުން 30 އަހަރުގެ ޝަރަފްގެ ކެރިއާ އަށް އަލިވިލުނު މަންޒަރަށެވެ.
"އެ ދުވަހު އެ އިންޓވިއުއިން ފެއިލްވެ ސްޓޫޑިއޯއިން ނުކުމެގެން އައީ ކޮންމެހެން ދެރަވެގެނެއް ނޫން. އަޅުގަނޑު ގާތަށް އައީ ޒާތެއްގެ ރުޅިއެއް. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ނެގި ފޮޓޯ ހުތުރު ނޫންކަން. އަދި އަމުދުން އެއީ ފެއިލްވާން ނުޖެހޭނެ ވަރުގެ ފޮޓޯއެއްކަން ވެސް އަޅުގަނޑަށް ޔަގީން،" އިތުބާރާއެކު ޝަރަފް ބުންޏެވެ.
އެހާ ހިސާބުން ޝަރަފްގެ އުދަރެސް ބަންދޫވީކީ ނޫނެވެ. ދެން އޭނާގެ އަތުގައި ހިފީ ޕިކްސެލް ސްޓޫޑިއޯގެ ވެރިޔާ އިސްމާއީލް ނިޔާޒު އެވެ. ފުރަތަމަ އިންޓަވިއުއިން "ފެއިލް ކޮށްލުމުން" ވެފައި ހުރީ ފޫއްސާއި އައިސްފައި ހުރި ރުޅިން ޝަރަފް އޮތީ ގޭގަ އެވެ.
"ދުވަސްކޮޅެއް ފަހުން އަޅުގަނޑަށް އަތުވެއްޖެ ފޯނުކޯލެއް. އެއްވެސް ތާކަށް އަމިއްލަ އަށް އެޕްލައި ކޮށްގެނެއް ވެސް ނޫން. ގުޅައިފައި ބުނީ ފޮޓޯ ނަގަން ޝައުގުވެރި ވާކަން އެނގިގެންނޭ މި ގުޅާލީ. އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނޭނގެޔޭ ފޮޓޯ ނަގާކަށް. އެހެން ބުނީ ފުރަތަމަ އިންޓަވިއުގައި ވީގޮތުން ވެފައިވާ ފޫއްސެއްގެ ބޮޑުކަމުން،" ޝަރަފް ބުންޏެވެ.
"އެކޮޅުން ބުނި ތިމަންނަމެން ދަސްކޮށް ދީފާނަމޭ. ޝައުގުވެރިކަން ހުރި ފޮޓޯ ގްރާފަރަކު ބޭނުންވޭ. ޕިކްސެލް ސްޓޫޑިއޯއިން އަޅުގަނޑަށް މި ގުޅީ. އެ މީހުން އަމިއްލަ އަށް ގުޅައިފަ އެގޮތަށް ވާހަކަ ދެއްކީމާ އަޅުގަނޑު ހިތަށް އެރި ދާނީއޭ."
ޕިކްސެލް ސްޓޫޑިއޯ އާއެކު ފެށި ދަތުރުގައި ޝަރަފް އެންމެ ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީ ރިސޯޓް ފޮޓޯގްރަފީގެ ތެރޭގަ އެވެ. ރިސޯޓްގައި ޓޫރިސްޓުން ހަނީމޫންގެ އުފާވެރި މަންޒަރުތައް ފޮޓޯއިން ކުލަކޮށްދީ ޓޫރިސްޓުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސް ދެނީ ޝަރަފް އެވެ. އޭނާ ބުނި ގޮތުގައި ސްޓޫޑިއޯގެ ވެރިޔާ ނިޔާޒު އަކީ އޭނާގެ ކެރިއާ ބަދަލު ކޮށްލި އެންމެ ބޮޑު އެހީތެރިޔާ އެވެ. ފޮޓޯ ނެގުމުގެ އާ ހުނަރުތަކާއި އާ ގޮތްތައް އޭނާ އަށް ބުނެދީ ދާއިރާ އަށް އޭނާގެ ޝައުގުވެރިކަން އިތުރުވީ ނިޔާޒު ދިން ހިތްވަރުގެ ސަބަބުން ކަމަށް ޝަރަފް ބުންޏެވެ.
މިހާރު ޝަރަފްގެ އަމިއްލަ ބްރޭންޑެއް "ވަން ޝޮޓް"ގެ ނަމުގައި ހިންގާއިރު އެ ނަން ގުޅިފައި އޮތީ ވެސް އޭނާގެ ފޮޓޯގްރަފީގެ ފެންވަރަށެވެ.
"ރިސޯޓް ފޮޓޯގްރަފީގައި ވެސް ވަރަށް އުނދަގޫ ޝޮޓްތައް އަޅުގަނޑު ހުންނާނެ އެއް ޝޮޓުން ނަގައިފަ. މިސާލަކަށް ބްރައިޑްގެ ބޮލުގަ އަޅާ ފޮތިކޮޅު މަތިން އެއްލާލާއިރު ވަކި ޕޮޒިޝަނަކަށް އެފޮތިކޮޅު އޮންނަ އިރު ސީދާ އެ ޕޮޒިޝަންގައި އެ ފޮޓޯ ގަނޑު ވެސް އެއްފަހަރުން ނަގާތީ ކިޔަން ފެށި އެއްޗެއް ވަން ޝޮޓް އެއީ،" ޝަރަފް ބުންޏެވެ.
ފޮޓޯގްރާފީ އެކަންޏެއް ނޫން ކޮރިއޮގްރާފަރެއް، އިވެންޓް އޮގަނައިޒާއެއް
ޝަރަފްގެ "ވަން ޝޮޓް" ކުޑައިގެ ދަށުން ހިންގާ ތިން ޕްރޮޑެކްޓެއް މިހާރު އެބައޮތެވެ. ވަން ޝޮޓް ސްޓޫޑިއޯގެ އިތުރުން ވަން ޝޮޓް އިވެންޓްސް އާއި ވަން ޝޮޓް އެންޓަޓައިމެންޓް އަކީ އޭނާގެ އަމިއްލަ ކުންފުނީގެ ބްރޭންޑްތަކެވެ.
ވަން ޝޮޓް އެންޓަޓައިމެންޓްގެ ދަށުން ނެށުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ނަށާ ގުރޫޕެއް އޮވެ އެވެ. ކުދި ވީޑިއޯ އިސްތިހާރު ހަދަ އެވެ. ވަން ޝޮޓް އިވެންޓުން އިވެންޓްތައް ޕްލޭންކޮށް އޮގަނައިޒް ކޮށްދެ އެވެ. ޝަރަފް ބުނި ގޮތުގައި 2015 ގައި މިނިވަން 50 ގެ ކުޅިވަރުތަކުގައި ބައިވެރި ކުރުމަށް މާލޭގެ ހަތަރު ސްކޫލަކަށް ކޮރިއޮގްރަފާއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. އޭނާ ބުނި ގޮތުގައި އޭނާ ތައްޔާރު ކޮށްދިން ސްކޫލްތަކުގެ އިވެންޓްތަކަށް ބެލެނިވެރިންގެ ފަރާތުން ވެސް ތައުރީފު ލިބުނެވެ.
ކަނޑުގެ އަޑި އަށް ފައިބައިގެން ފޮޓޯ އާއި ވީޑިއޯ ނަގައިދޭ ޝަރަފް އަށް ކުރިއަށް އޮތް އެންމެ ބޮޑު އިވެންޓަކީ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ފްރީ ޑައިވިން ދުނިޔޭގެ ރެކޯޑް އިވެންޓްގެ ފޮޓޯ އާއި ވީޑިއޯ ގްރަފީ ތައްޔާރު ކުރުމެވެ. އެ ރެކޯޑަށް މިހާރު ވެސް ޝަރަފް ވަނީ ބައެއް ވީޑިއޯތައް އުފައްދައިފަ އެވެ. ދުނިޔޭގެ ރެކޯޑް އިންތިޒާމު ކުރާ ފްރީ ޑައިވް މޯލްޑިވްސްގެ ފަހުޒު ފާއިޒު ބުނި ގޮތުގައި ޝަރަފް އަކީ އޭނާގެ މަސައްކަތުގައި ރާއްޖެއިން ހޯދޭނެ އެންމެ ރަނގަޅު މީހާ އެވެ.
"މިހާރު ވެސް ތައްޔާރުކޮށްފައި ހުރި ވީޑިއޯ އަކީ އޭނާގެ އަމިއްލަ ހިޔާލަށް ތައްޔާރުކޮށްފައިވާ ވީޑިއޯތަކެއް އޭނާ ބުނާނެ މިވެނި ގޮތަަކަށް ސެޓް ކޮށްލީމަ ރީތި ވާނެޔޭ. އޭނާ މަސައްކަތް ނިންމާލާއިރު ދެން އަހަރެމެންގެ ތެރެއިން މީހަކު އިތުރަށް ހިޔާލެއް ދޭން ނުޖެހޭ ވަރަށް އޭނާ އެކަން ފުރިހަމަކޮށް ނިންމާލާނެ،" ފަހުދު ބުންޏެވެ.
ޑައިވިން ފޮޓޯގްރަފީ އަށް ޝައުގުވެރިވީ ކިހިނެއް؟
ޝަރަފްގެ ހަޔާތުގައި ވެސް އަޑިގުޑަންތައް އައެވެ. މޫދާއި ކަނޑަށް އޭނާގެ ހިތް ޖެހި ލޯބި ޖެހުނީ ވެސް އޭގެ ތެރެއިންނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިތުރު 10 ކުދިން ތިބެ އެވެ. މާލެ އަށް ދިރިއުޅުން ބަރޯސާ ކުރި އާއިލާއިން އެއްގެއިން އަނެއް ގެޔަށް ބަދަލުވަމުން ދިރިއުޅުން ކުރިއަށް ގެންދިޔައީ ދައްޗާ އެކު އެވެ. ބައެއް ފަހަރު ގޭގެ ކުއްލި ނުދެއްކިގެން މުޅި އާއިލާ ގެއިން ނުކުންނަން ޖެހޭ ހާލަތްތައް ދިޔަ ކަމަށް ޝަރަފް ބުންޏެވެ.
މާލޭގެ ހަލަބޮލި މި މާހައުލުގައި އެކަހަލަ ގޮތަށް ދިރިއުޅެން ޖެހުނު ޝަރަފްގެ އެންމެ ގާތް އެކުވެރިޔަކަށްވީ މޫދެވެ. އޭނާ ބުނި ގޮތުގައި ދަތިކޮށް ދިރިއުޅެން ޖެހޭ ވަގުތަކުގައި ވެސް މޫދު ފެންނަ ހިސާބަށް ދިއުމުން ހަމަ ނެވޭ ލެވޭ ކަމުގެ އިހްސާސް ކުރެވެ އެވެ.
"އަަބަދު ވެސް މޫދަށް ގޮސް ހަދަން. އޭގެ ތެރެއިން ކަންނޭނގެ ޑައިވިން ކުރުމަށް ވެސް ޝައުގު ވެރިވީ،" ސްކޫލް ނިމުނު ފަހުން ޑައިވިންގެ ދެ ކޯސްތައް ވެސް ހެދި ޝަރަފް ބުންޏެވެ.
"ޑައިވިންގެ އިތުރުން ފޮޓޯގްރަފީ އަށް ޝައުގު ހުންނާތީ ހިތަށް އެރީ މީ އެކުގައި ކުރެވިދާނެ މަސައްކަތެކޭ."
ކަނޑު އަޑީގެ ވީޑިއޯ އައި ފޮޓޯ ގްރަފީ އަށް ހުރި ފުރުސަތުތައް ދެނެގަނެ އޭނާގެ ވަން ޝޮޓް ސްޓޫޑިއޯގެ ކެމެރާ ކަނޑަށް ފައްތައިގެން ކުލަ ކުރި ފޮޓޯތައް އަގު ބޮޑުކޮށް ވެސް ވިކުނެވެ. އޭނާގެ ކެމެރާއިން ނެގި ވީޑިއޯގެ މެންޒަރުތައް ބޭރުގެ ބައެއް ޕްރޮޖެކްޓްތަކުގައި ބޭނުން ކޮށްފައި އެބަ ހުއްޓެވެ.
"އެންޖޯއި ކޮށްލަން ޑައިވިން އަށް ދާއިރު ވެސް ހުންނާނެ ކެމެރާ ގެންގޮސްފައި. ހުންނާނެ 30 މީޓަރުގެ އަޑީގައި ވެސް ވީޑިއޯ ކޮށްފައި،" ވެޑިން ފޮޓޯ ގްރަފީ އަދި ތަފާތު އެކި ހަފުލާތަކަށް ވެސް ވީޑިއޯ އާއި ފޮޓޯ ނަގައިދޭ ޝަރަފް ބުންޏެވެ.