އުފަންވިއިރު ވެސް ފެނުމުގެ ނަސީބުން މަހުރޫމް ވެފައިވާ މުހައްމަދު މުސްލިމަށް ހިނގާބިނގާވެ އުޅުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އދ. ހަންޏާމީދުއަށް އުފަން 29 އަހަރުގެ ޒުވާނާއަށް ރަށް ހިތުދަހެވެ. އެރަށު އިންޖީނުގޭ އެޑްމިން އެސިސްޓެންޓަކަށް މުސްލިމް މަސައްކަތް ކުރާއިރު ކަރަންޓް ބިލް ބަހަން އެކަނި ގޮސް އުޅެ އެވެ. ނަމަވެސް އޭނާއަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް އެބަ އޮތެވެ. އެއީ މަގުގައި ބަހައްޓާފައި ހުންނަ ތަކެތީގައި އަޅައިގަންނަ މައްސަލަ އެވެ.
"ހަންޏާމީދޫގެ ހުރިހާ މަގެއް ހިތުދަސްވާނެ. އެކަމަކު އެންމެ އުނދަގޫވާ ކަމަކީ ބަރޯ، ގާޑިޔާ ކަހަލަ އާންމުކޮށް ނުހުންނަ އެއްޗެހި ބަހައްޓާލާފައި ހުންނަ އިރުގައި މަގުތައް ހިތުދަހަސް އެއެއްޗިއްސެއް ނޭނގޭނެތާ. އެހެންވެ އެކަހަލަ އެއްޗެހީގައި އަޅައިގަންނަ މައްސަލަ އެއީ އަހަންނަށް ވަރަށް ބޮޑު މައްސަލައެއް،" ޒަވާޖީ ހަޔާތެއް ފަށާފައިވާ މުސްލިމް ބުންޏެވެ.
މީގެ ކުރިން ނަމަ ލޯފަން މީހުން އަމިއްލައަށް ހިނގާފައި ދާއިރު އެއްޗެއްގައި ޖެހިދާނެތީ ބޭނުން ކުރަމުން އައީ އަސަ އެވެ. ހިނގަން ޖެހެނީ ކުޑަކޮށް އަސާ ހޫރަމުންނެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މުސްލިމް ބޭނުންވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކަން ކުރާށެވެ.
ހެޔޮއެދޭ ފަރާތްތަކުގެ އެހިތެރިކަމާ އެކު މުސްލިމް ވަނީ ލޯފަން މީހުންނަށް ހާއްސަކޮށް އުފައްދާފައިވާ "ސުނޫ ބޭންޑެއް" އެމެރިކާއިން ރާއްޖެ ގެނެސްފަ އެވެ. އެއީ އެފަދަ އާލާތެއް ރާއްޖެ ގެނައި ފުރަތަމަ ފަހަރު ކަމަށްވެ އެވެ. އޭނާ 5،500 ރުފިޔާއަށް ގަތް އެ ޑިވައިސް މެދުވެރިކޮށް ކުރިއަށް ވުރެ ފަސޭހަކަމާ އެކު ހިނގާ ބިނގާވެ އުޅެ އެވެ.
ބޭންޑް މަަސައްކަތް ކުރަނީ ކިހިނެއް؟
އެއީ އަތުކުރީ ގަޑިއެއް ކަހަލަ ބޭންޑެކެވެ. ހިނގާފައި ދާއިރު ކުރިމަތީގައި އެއްޗެއް ހުރެއްޖެ ނަމަ އެބޭންޑުގެ ސެންސާއަށް އެކަން އެނގި، ވައިބްރޭޓުވެ އެވެ. "އައުޑްޑޯ މޯޑަށް" ލުމުން 14 ފޫޓު ދުރުން ފެށިގެން ވައިބުރޭޝަން އާދެ އެވެ. އަދި އެއްޗަކާ ކައިރިވާ ވަރަކަށް ވައިބްރޭޓްވާލެއް ބޮޑުވެ އެވެ.
ހުރަހެއް ނެތް ދިމާ ހޯދަން އެކި ކޮޅުކޮޅަށް އަތް ހަރަކާތްކޮށްލުމުން ދާންވާ ދިމާލަށް ވައިބްރޭޝަން ހުއްޓެ އެވެ. އަނެއްކާވެސް އެބޭންޑް ވައިބުރޭޓް ވާން ފަށާނީ ހުރަހަކާ ދިމާވުމުންނެވެ. އެހެންކަމުން އެއްޗެއްގައި އަޅައިނުގަނެ ހިނގާ ބިނގާވެ އުޅުމުގެ ފުރުސަތު ލިބެ އެވެ.
ގިނަ ދިވެހިންނަށް ފުރުސަތެއް ނެތް
ރާއްޖެއަށް ބަލާއިރު ފެނުމުގެ ނަސީބު ނުލިބޭ މީހުން ބޭނުންކުރަނީ ދެ ވަސީލަތެކެވެ. އެއީ އެންޑްރޮއިޑަށް ހާއްސަ "ޓޯކް އޯވާ" އާއި އައިއޯއެސް އިން ބޭނުންކުރާ "ވޮއިސް އޯވާ" އެވެ. އެ ދެ ވަސީލަތް މެދުވެރިކޮށް ސޯޝަލް މީޑިއާތަކުގެ އިތުރުން ފޯނުން އެހެން ބޭނުންތައް ވެސް ފަސޭހަކަމާ އެކު ކޮށްލެވެ އެވެ. އެހެންކަމުން ނުފެނުނަސް ފޯނުން ކިޔައިދޭ ގޮތަށް ހެދުމުން އެތައް ފަސޭހައެއް ވެ އެވެ.
އެއްޗެއް ލިޔަން ޓައިޕްކުރާއިރު ކޮންމެ އަކުރަކާ ދިމާލުގައި އިނގިލި ޖައްސާލުމުން އެއީ ކޮން އަކުރެއްކަން ބުނެދެ އެވެ. އަދި ބަހެއް ލިޔުމުން އެބަސް ކިޔައިދޭއިރު ލިޔާ ޖުމްލަ ނިންމާލުމުން އެއްކޮށް ކިޔައިދެ އެވެ. އެއީ ލޮލަށް ނުފެންނަ މީހުންނަށް ސޯޝަލް މީޑިއާ އާއި ފޯނުގެ އެކި ހިދުމަތް ހޯދަން ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ލުއި ފަސޭހަ އެތައް ޓެކްނޮލިޖީއެއް ވަނީ ތައާރަފްވެފަ އެވެ. އޭގެ ބައެއް ޑިވައިސްތައް މެދުވެރިކޮށް އެއް ތަނުން އަނެއް ތަނަށް ދާން ބޭނުންވުމުން އެތަނުގެ ނަން ބުނުމާ އެކު ދާނެ މިސްރާބު ވެސް ކިޔައިދެ އެވެ. އެއީ ގޫގުލް މެޕް މެދުވެރިކޮށް ބޭނުންކުރާ އެޕްލިކޭޝަނެކެވެ.
ލޯފަން މީހުންގެ ޖަމިއްޔާގެ ރައީސް އަދި ފެނުމުން މަހުރޫވެފައިވާ މުހައްމަދު މާޒިން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯފަން މީހުންނަށް ފަސޭހައިން އުޅެވޭނެ ޒަމާނީ ވަސީލަތްތައް ސަރުކާރުން ހޯދައިދެ އެވެ. އެކަމަކު ރާއްޖޭގައި އެގޮތަށް ހަމަޖެހިފައި ނެތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެބަ ފޯރުކޮށްދޭ ހިޔަރިން އެއިޑް. ދެން ކީއްވެގެންތޯ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ސަނޫ ބޭންޑް ފަދަ ވަސީލަތްތައް ސަރުކާރުން ފޯރުކޮށް ނުދެވޭންވީ؟" މާޒިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯފަން މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ސަރުކާރުން އެފަދަ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރަމުން ދާއިރު ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެފުރުސަތު ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މުހައްމަދު މުސްލިމަށް، އޭނާގެ އަތުގައި އަޅާލާފައި އޮންނަ ބޭންޑްގެ އެހީތެރިކަން ވަރަށް ބޮޑެވެ. އޭނާ ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު ލޯފަން ގިނަ ދިވެހިންނަށް އެ ފުރުސަތެއް އަދި ނެތެވެ. އެހެންކަމުން އެ މީހުން ތިބީ އެ ފަސޭހަ ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.