އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓުގައި ހިމެނޭ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު އޭސީސީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ދުންޔާގެ މައްޗަށް ކުރަނީ ބޮޑުބޭބެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ހިޔާނާތުން މަންފާވި ކަމުގެ ތުހުމަތެވެ. މި ހިޔާނާތް ބަލަން މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގި ތަހުގީގުގެ ތެރެއިން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައިވާ ގޮތުން ދުންޔާ އަށް 200،000ރ. ލިބިފައިވެ އެވެ.

ދުންޔާގެ އިތުރުން ވެސް ދައުލަތުގެ ތިން ބާރުގެ އެކި ބޭފުޅުންނާއި ސަރުކާރުގެ އިދާރާތަކުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ހިޔާނާތުގެ ފައިސާ ބަހާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފަ އެވެ. މި ހިޔާނާތް ހިންގީ ރަށްތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ވަންނަންޖެހޭ ފައިސާ (ޗެކު ބީއެމްއެލްއިން އެންޑޯސްކޮށް) އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ނަގުދު ފައިސާއަށް ބަދަލުކޮށްގެންނެވެ.

މީގެ އަށް އަހަރު ކުރިން 2014 ގައި ފަޅާއަރައި، ތަހުގީގު ދިގުލައިގެން ގޮސްފައިވާ ހިޔާނާތުގެ ތަހުގީގަށް ދުންޔާ އޭސީސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 11 އަށެވެ.

ސަބަބަކީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ހިންގި ހިޔާނާތުގައި ދައުލަތުގެ ފައިސާ އާއި ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ލިބުނު ފައިސާއަށް ވެސް ހިޔާނާތްތެރިވެފައިވާ ކަަމަށް ބެލެވޭއިރު އެ މުއާމަލާތްތަކުން ފައިސާ ލިބުނު މީހުންގެ ތެރޭގައި ދުންޔާ ހިމެނުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ކުރާ ތުހުމަތުތައް ދުންޔާ ދޮގު ކުރައްވަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ހިންގިއިރު ނެރުނު ލިސްޓުގައި އޭނާގެ ނަން އޮވެގެން އޭރު ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ. ތުހުމަތުކުރާ ފަދަ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށް ލޯޔަރުން މެދުވެރިކޮށް މެއި، 30، 2021 ގައި ވަނީ އެ ކޮމިޝަނަށް އަންގައިފަ އެވެ.

ދުންޔާގެ ވަކީލުން ވިދާޅުވާ ގޮތުގައި ހިޔާނާތުގެ މަންފާވި ކަމަށް ބުނާ ލިސްޓުގައި އޭނާގެ ނަން ހިމަނައި މަޖިލީހަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވީ ހަގީގަތާ ހިލާފު މައުލޫމާތުތަކެކެވެ. އޭނާއަށް މަންފާވި ކަމަށް ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާގެ ބައިވެރިވުމެއް އަދި އެފަދަ މުއާމަލާތަކުން ނާޖާއިޒު މަންފާއެއް އޭނާއަށް ލިބިފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތަހުގީގީ އިދާރާތަކުން އާއްމުކުރި ލިސްޓުގައި ހިޔާނާތުން މަންފާވި 247 މީހަކު ތިއްބަސް އެ އެންމެންނަކީ ކުށްވެރިންގެ ގޮތުގައި ކަނޑަނާޅާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނާއި ތަހުގީގީ އެހެން އިދާރާތަކުން ވެސް ބުނެފައިވެ އެވެ.

ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންންނާއި ފަސް ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނެ އެވެ.

ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓް:

● ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން.

● ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން.

● މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން.

● ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.

● މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން.

● ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)

● ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ. ފަޅުތައް ހިމަނައިފި ނަމަ މި އަދަދު ހަތަރު ބިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެ އެވެ.