ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގައުމު އޮތީ ބިރުވެރި މޫސުމެއްގައި ކަމަށް، އެމަނިކުފާނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވުމުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ޓުވިޓް ކުރެއްވި ދުންޔާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ކުރީގެ ދެ ސަރުކާރުގެ ވެރިން ވެސް ރައްޔިތުންގެ ކުރިމަތި ފެއިލްވެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ޔާމީނަކީ ގައުމުގެ ގައްދާރެއް ގޮތުގައި ކާނަލް ނާޒިމް ވެސް ސިފަ ކުރައްވާފައިވާ ކަމަށާއި އެއީ މުޅި ގައުމު ދުށް އެންމެ ބޮޑެތި ފްރޯޑުތަކާއި ކޮރަޕްޝަން ހިންގި ވެރިކަން ކަމަށް ދުންޔާ ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް މި ގައުމާއި ރައްޔިތުންނަށް ބިރުވެރި މޫސުމެއް އޮތް ދުވަސްވަރެއް، އެފަދަ ދުވަސްތަކެއް ތަކުރާރު ވިޔަ ދީގެން ނުވާނެ،" ދުންޔާ ވިދާޅުވި އެވެ
ދުންޔާގެ އަށް ރައްދު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި، ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އާދޭސް ކުރައްވައިގެން އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގަތީ ވެސް ސަރުކާރު އަނިޔާވެރިވީމަތޯ ދުންޔާ އަރިހުން ވަނީ ސުވާލު ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓަރު ކަމަށް ފަހު، ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.
"އާދޭސްކޮށްކޮށް ވެސް ޕީޕީއެމް އިން ބަލައި ނުގަތުމުން ގައުމުގެ ޣައްދާރުންނާ އެއް ސަފަށް އަރާހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރު ވާން އުޅުނަސް އެކަމެއް ނުވާނެ،" އަދުރޭ ވިދާޅުވި އެވެ.
އެ މައްސަލާގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ ރައީސް ޔާމީންގެ ކެބިނެޓަށް އަނބުރާ ނާދެވިގެން އުޅުއްވި އިރު އެކަން ދުންޔާ އަށް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ބިރުވެރި މޫސުމެއް އޮތީ ދުންޔާގެ ބައްޕާފުޅު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި ކަމަށާއި މިހާރު އެ ހާލަތެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުން ދުންޔާ އެފަދަ ވާހަކަތައް ދައްކަވަނީ ނާޒިމް ވެރިކަމަށް ވަޑައިގެން އަނެއްކާވެސް ފޮރިން މިނިސްޓަރުގެ މަގާމް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގަ އެވެ. އަދި ޔާމީންގެ ނަން ބޭނުން ކުރައްވައިގެން ނޫން ގޮތަކަށް އެމްއެންޕީ އަށް ވެސް ސަމާލު ކަން ނުލިބޭ ކަމަށް ބައެއް މީހުން ބުންޏެވެ.
ދާދި ފަހުން ޔާމީން ވެސް ވަނީ ނާޒިމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއަކީ މަރު ދުވަހާ ޖެހެންދެން ގައްދާރުންގެ ގޮތުގައި ތިއްބަވާނެ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.