ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކައިވެނި ރޫޅާލާފައިވާކަން ދިޔާނާ މިއަދު ހާމަކުރައްވައިފި އެވެ.
ޖާބިރާ ގުޅުވައިގެން މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ "އަޅުގަނޑަކީ އެއްވެސް މީހެއްގެ އަންބެއް ނޫން" ކަމަށެވެ. އެހެންވެ، ޖާބިރުގެ އަނބިކަނބަލުންގެ ނަމުން އޭނާ އަށް ރައްދު ނުކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ދިޔާނާ އަށް "މިހާރު" އިން ގުޅުމުން އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ. އެހެންވެ ކައިވެނި ރޫޅައިލި އިރެއް ނޭނގެ އެވެ. ދިޔާނާ ވިދާޅުވިހާ ވެސް ވާހަކަ އަކީ "ޖާބިރަށް އަބަދުވެސް ހެޔޮ ދުއާ އޮންނާނެ" ކަމަށެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު ފަސް ދުއާއެއް ކުރަން. އެގޮތުން، ފުރަތަމަ ދުއާ މި ކުރަނީ ޖާބިރަށް. އެކަން އޮންނާނެ ދެން ވެސް،" ދިޔާނާ ވިދާޅުވި އެވެ.
މީގެ 15 ވަރަކަށް އަހަރު ކުރިން ކުރެއްވި ކައިވެނި ނިމުމަކަށް ގެނައި އިރު އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައި ވެ އެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖާބިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީ އިށީނދެވަޑައިގެން އިންނަވައިގެން، އެކި ކަންކަމާ ނުރުހުން ފާޅުކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދެއްކެވި ދުވަހު އެ ތަނަށް ދިޔާނާ ވަޑައިގަތެވެ. މަޖިލީހުގެ އިދާރާ ކައިރިން ޖާބިރު ގެންދަން އުޅުމުން ދިޔާނާ އެތަނުން ވަޑައިގަތުމަށް ޖާބިރު ވިދާޅުވެ އެވެ. އެހެން ވިދާޅުވުމުން ދިޔާނާ އެތަނުން ވަޑައިގަންނަވާ ތަން ވެސް ފެނެ އެވެ. އެކަމަކު އޭގެ ފަހުން ވެސް ސޯޝަލް މީޑިއާގައި ޖާބިރުގެ ދިފާއުގައި ދިޔާނާ ވާހަކަ ދައްކަވާފައިވެ އެވެ.