ދިވެހި ބޭސް ކްލިނިކްގެ މިލްކުވެރިކަން އޮޅުވާލައިގެން އެހެެން މީހެއްގެ ނަމަށް ބަދަލުކޮށްގެން އެ ކްލިނިކް ހިންގި ދުވަސްވަރު އެތަނަށް ފައިދާގެ ގޮތުގައި ލިބުނު ފައިިސާގެ ބައެއް އެތަނުގެ އަސްލު މިލްކުވެރިޔާ އަށް ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދަފްތަރު ނަމްބަރު 974، އަހުމަދު ސާލިހު ހުސައިންގެ ނަމުގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކްގެ މިލްކުވެރިކަން ދަފްތަރު ނަމްބަރު 935، މުހައްމަދު އަހުމަދުގެ ނަމަށް 2008 ގައި ބަދަލުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ކަމަށް ސިވިލް ކޯޓުން ވަނީ އޮގަސްޓް، 2013 ގައި ހުކުމްކޮށްފަ އެވެ.
މުހައްމަދުގެ ނަމަށް އެ ކްލިނިކް ބަދަލުކޮށް، ސެންޓަ ފޯ ޓްރެޑިޝަނަލް މެޑިސިންގެ ނަމުގައި އެ ކްލިނިކް ހިންގި ދުވަސްވަރު ލިބުނު ފައިދާގެ ތެރެއިން ސާލިހަށް ކޯޓުން މިއަދު ނަގައި ދީފައިވަނީ 2012 ގައި ފައިދާގެ ގޮތުގައި ލިބުނު މިންވަރު 41.5 ޕަސެންޓެވެ. އެއީ 120،500 އަށް ވުރެ ގިނަ ރުފިޔާ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ ކްލިނިކްގެ އަސްލު މިލްކުވެރިއަކީ ސާލިހު ކަމަށް ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް އިސްތިއުނާފީ ކޯޓަކުން ބާތިލްކޮށްފައިނުވާތީ އެއީ ނިހާއީ ހުކުމެއް ކަމަށެވެ. އެ ހުކުމުގެ ނަތީޖާއެއްގެ ގޮތުން އެތަނުގެ ހުރިހާ މުދަލަކާއި ފައިސާއަކީ ސާލިހު މިލްކަކަށް ވެގެން ގޮސްފައިވާ ކަމަށާއި އެހެންވެ އެތަނުގެ މިލްކުވެރިކަން މުހައްމަދުގެ ނަމުގައި އޮތްއިރު ލިބުނު ފައިސާއަކީ ވެސް ސާލިހަށް ލިބެންޖެހޭ އެއްޗެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ވަގު ލިޔުންތަކެއް ބޭނުންކޮށްގެން އެތަނުގެ މިލްކުވެރިކަން ބަދަލުކުރި މައްސަލާގައި މުހައްމަދުގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ ވެސް އުފުލި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިއަހަރު ނިންމީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.