މަަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ކޮންމެ ރޯދަ މަހަކު ގެނެސްދޭ "ވައްޓަފާޅި" ޝޯ މިރެއިން ފެށިގެން ރާއްޖެ ޓީވީން ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.

މި ފަހަރު ގެނެސްދެނީ އެ ޝޯގެ ފަސް ވަނަ ސީޒަނެވެ. މި ފަހަރުގެ ތީމަކީ "ގެސްޓް ހައުސް" އެވެ. އެހެންވެ މި އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފަސް އެޕިސޯޑް ހާއްސަވެގެން ދާނީ ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއަށެވެ.

އެލައިޑުން އިންޝްރަންސުން ސްޕޮންސަކޮށްފައިވާ "ވައްޓަފާޅި" ގެ މި ފަހަރު ސީޒަންގައި ގެނެސް ދޭނީ އައްޑޫ ހިތަދު އާއި ވ. ތިނަދު އާއި ކ. މާފުއްޓާއި ބ. ދަރަވަންދު އާއި ލ. ގަމުގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި އެވެ.

ފައްތާހް ބުނީ މި ފަހަރުގެ ތީމަކަށް ގެސްޓްހައުސް ނެގީ ރާއްޖޭގައި ވަރަށް ބޮޑަަށް މިހާރު މި ވިޔަފާރި ފުޅާވަމުން އަންނާތީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަން ކުރާ ގޮތް ރައްޔިތުންނަށް ދައްކާލުން ކަމަށެވެ.

"އެކި ސަރަހައްދުގައި މި ވިޔަފާރި ފުޅާވަމުން އަންނަ އިރު ވަރަށް ޔުނިކް ގޮތްތަކަށް ހިދުމަތްތައް ޑިވެލޮޕްވެގެން މި އަންނަނީ. އޭތި ރައްޔިތުންނަށް އެކްޕީރިއަންސްކޮށްލަ ދޭން މި ފަހަރު ބޭނުން ވަނީ،" ފައްތާހުގެ އިސްނެގުމަށް އޭނާގެ ރެޑް ޕްރޮޑަކްޝަނުން ސިލްސިލާކޮށް ހަދަމުން އަންނަ ޝޯއާ ބެހޭ ގޮތުން ފައްތާހް ބުންޏެވެ.

ފައްތާހް ވައްޓަފާޅި ސީޒަން ފަހެއްގެ މަންޒަރެއްގައި.
ފައްތާހް ވައްޓަފާޅި ސީޒަން ފަހެއްގެ މަންޒަރެއްގައި.

އޭނާ ބުނީ މިހާތަނަށް ހަތަރު ސީޒަން ބެލުތެރިންނަށް ދޫކޮށްލި އިރު، ކޮންމެ ސީޒަނަކީ ވެސް ތަފާތު ތީމަކަށް ގެނެސް ދީފައިވާ އާންމުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ސީޒަންތަކެއް ކަމަށެވެ.

"މީތި ވީހާ ވެސް ފުރިހަމަކޮށް. ރީތިކޮށް ވަރަށް މުއްސަނދި މައުލޫމާތުތަކަކާ އެކު ގެނެސް ދޭން އަބަދުވެސް މަސައްކަތްކޮށްފައި ހުންނަނީ. ރަށްރަށުގެ ރައްޔިތުންނާ އެކު ސަޕޯޓް ވަރަށް ބޮޑަށް ލިބިގެން މިކަން މި ކުރެވެނީ،" ފައްތާހް ބުންޏެވެ. "މިއީ ރަށްރަށުގެ ތަރައްގީ އާއި ކުރިއަރަމުން އަންނަ ގޮތް ވަރަށް ރަނގަޅަށް ޑޮކިއުމަންޓް ކުރެވިގެންދާ ޝޯއެއް. އަނެއްކާ ކޮންމެ އެޕިސޯޑަކީ ރަށްރަށުގެ ތާރީހާއި ސަގާފަތަށް ވެސް ވަރަށް ބޮޑަށް އަލިއަޅުވާލެވިފައި ހުންނާނެ އެޕިސޯޑްތަކެއް."

އޭނާ ބުނީ "ވައްޓަފާޅި" ގެ މައިގަނޑު އެއް މަގުސަދަކީ ތަރައްގީގެ ކަންކަން ޑޮކިއުމަންޓްކޮށް، ރައްކާ ކުރުން ކަމަށެވެ.

"އޭރުން މީގެ ވިހި ބާވީސް އަހަރު ފަހުން ވެސް މައުލޫމާތުތަކެއް ހޯދަން ބޭނުވެއްޖެ ނަމަ މިކަހަލަ ވީޑިއޯ ލައިބްރަރީތަކުން އާންމުންނަށް ވަރަށް ފަސޭހަ އިން މައުލޫމުތައް ހޯދެން ހުންނާނެ،" ފައްތާހް ބުންޏެވެ.

ރާއްޖޭ ޓީވީން "ވައްޓަފާޅި" ސީޒަންގެ އެޕިސޯޑްތައް ދައްކާނީ މެންދަމު 2:30 ގަ އެވެ. ރިޕީޓް ދައްކާނީ ކޮންމެ އަންގާރަ ދުވަހަކު ހެނދުނު 11:00 ގަ އެވެ.