ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި، މީގެ 21 އަހަރު ކުރިން މަރާލައިފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލް އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ކ. ދިއްފުށީގައި މިހާރު ދިރިއުޅެމުން ގެންދާ ޒުހެއިރު ފެނުނީ އެ ރަށުގެ އަތިރިމަތީގައި ޖޯއްޔެއްގައި އޮއްވަ އެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން މިހާރު އެ ރަށަށް ދަތުރުކުރަމުން ދާ ކަމަށް ވެ އެވެ.
ފުލުހުން ބުނީ ދިއްފުށީ އުތުރުފަރާތު އަތިރިމަތީ ހުރި ޖޯއްޔެއްގައި، ޚަބަރު ހުސްވެފައި އޮތް މީހަކު އޮތުމުން އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބުނީ 12:20 ގައި ކަމަށެވެ. ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށާއި އެއީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނުން ފިޔަވައި ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ އަނިޔާވެރިކަމާ އެކު އޮފީހުގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނީ އޭޕްރީލް 5، 2001 ގަ އެވެ. މި މައްސަލާގައި ކުށް ސާބިތުވެ ޒުހައިރު އުމުރަށް ޖަލަށް ލާން ހުކުމްކުރީ 2002 ވަނަ އަހަރު އެވެ. ނަމަވެސް 11 އަހަރު ފަހުން، 2013 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އަންނަނީ ދިއްފުށީގައި، އެ ރަށު މީހަކާ ކައިވެނިކޮށްގެންނެވެ. އޭނާގެ މިހާރުގެ އުމުރަކީ، 48 އެވެ.
އަނިޔާވެރި އަމަލުތައް ރާއްޖޭގައި މަދު ދުވަސްވަރެއްގައި މުޅި ރާއްޖެ އަށް ސިހުން ގެނުވި މަރުގެ މައްސަލާގައި ޒުހައިރުއާ ބައިވެރިވި ކަމުގެ ކުށް ސާބިތުވެ އިތުރު ދެ މީހަކު ވެސް ޖަލަށް ލާން ހުކުމް ކުރި އެވެ. އެކަމަކު، އެ ދެ މީހުން ޖަލަށް ލައިފައި ވަނީ އަޒްލީނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެގެންނެއް ނޫނެވެ.