ދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ މާއެނބޫދު އަށެވެ. ކުޑަ އާބާދީއެއް އޮންނަ އެ ރަށުން މުއިއްޒަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނުކުތެވެ.
ރަށުގެ ބަނދަރު މަތީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މާއެނބޫދޫ މީހުންގެ އެންމެ ބޮޑު އެދުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން އިތުރުކޮށްދިނުން ކަމަށެވެ. މި ސަރުކާރުން އެ ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވިޔަސް، އެއީ ރަށަށް ބޭނުންވެފައިވާ ވަރަށް ވުރެ ކުޑަ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް މިއަދު 15 ހެކްޓަރު ހިއްކާފައި ކުރިއަށް އޮތް 3-4 އަހަރު އަނެއްކާ ބިން ބޮޑުކުރުމަކީ ސަރުކާރަށް ވެސް އެއީ އިސްރާފު. އެ އަށް ވުރެ ރަނގަޅަށް އެކަން ކުރެވެން ވާނެ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ވާނީ ރޭގައި ދަންނަވާފައި 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކުރިއަށް ގެންގޮސް ދޭނެ ކަމަށް."
މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ހިންގާނީ ދައުރު ނިމޭތަނުގައެއް ނޫނެވެ. އޭނާގެ ވެރިކަމެއްގައި ނަމަ އެންމެ ކުރީ ކޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ހުޅުދެލިން ހޫނު މަރުހަބާއެއް
މުއިއްޒު ދ. އަތޮޅުން، މިއަދު ދެވަނަ އަށް ވަޑައިގެންނެވި ހުޅުދެލީގެ ބަނދަރު މަތި އޮތީ ފިޔާތޮށި ކުލައިން "ދިއްލާލައިފަ" އެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ބަނދަރު މަތީގައި ދިގު ސަފެއް ދަމާލައިފައި އޮތެވެ. މުއިއްުޒު އެ ރަށަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކީ ބޮޑުބެރުގެ ސަގާފީ އައިޓަމަކުންނެވެ.
ހުޅުދެލީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެ ރަށުގެ މީހުން ބޭނުންވާ ކަންކަމުގެ ލިސްޓެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ ލިސްޓުގައި ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީން އޭނާ ދެއްވި އެވެ.
ބިން ހިއްކުމާ އެކު، ހުޅުދެލީގައި ވެސް މުއިއްޒު ގިނަ ވަދުއުތަކެއް ވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި:
• މަސް ފިނިކުރަން އައިސްޕްލާންޓެއް ހެދުން.
• ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން.
• ސްކޫލުގެ ޖާގަ އިތުރުކުރުން.
• ކުނި މަނޭޖުކުރާ ރަނގަޅު ނިޒާމެއް ހެދުން.
• ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން.
• އޭޓީއެމް ބަހައްޓައިދިނުން.