މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި މީހަކު، ގާނޫނީ އިންޒާރު ދިނުމުގައި ފުލުހުން ހަދާފައި ހުރި ގޯސްތަކެއްގެ ސަބަބުން ސަލާމަތް ވެއްޖެ އެވެ.
ޑިސެމްބަރު 15، 2016 ގައި މާލެ އިން ހުޅުދެއްޔަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ މައްސަލައިގެ ތެރެއިން ދ. ހުޅުދެލީ، ވަލުގެ، އިސްމާއިލް ނާހިދު ހައްޔަރު ކުރި އެވެ. އޭނާ ބަލައި ފާސްކުރި އިރު ޖީބުން ވަނީ 4.38 ގްރާމު ޑައިމޯފިން ހުރި ފަސް ރަބަރު ޕެކެޓު ފެނިފަ އެވެ.
އެ މައްސަލައިގައި ދައުލަތުން ނާހިދަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުޅުދެލީ މެޖިސްޓްރޭޓު ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ކުށުގެ އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށްލައި (25 އަހަރަށް)، 100،000ރ. އިން ޖޫރިމަނާ ކުރަން ކޯޓުން ހުކުމްކުރި އެވެ.
ނަމަވެސް ނާހިދުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ހުޅުދެލީ ކޯޓުގެ ހުކުމް މިއަދު ބާތިލު ކުރީ އެ މައްސަލައިގައި ފުލުހުން ގާނޫނީ އިންޒާރު ދިނުމުގައި ހަދާފައި ހުރި ގޯސްތައް ފާހަގަކޮށެވެ.
ނާހިދު، ދަށު ކޯޓުގައި ވެސް ހައި ކޯޓުގައި ވެސް ބުނެފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަައުވާ ކޮށްފައިވާ އިރު، އެ ކުށަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު ލިބިގަތުމުގެ ހައްގާއި ހަނުހުރުމުގެ ހައްގު އޭނާ އަށް ފޯރުކޮށް ނުދޭ ކަމަށެވެ.
އެންމެ ފުރަތަމަ ހައްޔަރުކުރި އިރު، ހައްޔަރު ކުރެވޭ މީހާގެ މައުލޫމާތު ފޯމުގައި، ނާހިދަށް އަންގާފައިވަނީ އޭނާ އަށް ކުރެވޭ ތުހުމަތަކީ ކެނަބިސް ބޭނުންކުރުމާއި ޑައިމޯފިން ޕެޑްލްކުރުމާއި ކެނަބިސް ޕެޑްލްކުރުމާއި ޑައިމޯފިން ބޭނުންކުރުމާއި ޖަދުވަލް އެކެއްގައިވާ އެހެން މަސްތުވާ އެއްޗެއް ބޭނުން ކުރުން ކަމަށެވެ. އެހެންވެ، އޭނާ ނާހިދަށް ވަކީލަކު ލިބިގެންވާކަމުގެ ހައްގާއި ހަނުހުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ ގާނޫނީ އިންޒާރު ދިނީ އެ ކުށްތަކަށެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް އެ ހައްގު ލިބިގެންވާކަން ނާހިދަށް އަންގައިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު މިއަދު އިއްވި ހުކުމުގައި ވިދާޅުވީ، ނާހިދު އަތުން ފެނުނު ތަކެތީގެ ތަހުލީލު ހެދީ އޭނާގެ ބަޔާން ނެގި ފަހުން ކަމަށެވެ. އަދި ތަހުލީލު ހެދި ފަހުން ހޯދުނު ތަކެއްޗާ ބެހޭގޮތުން ފުލުހުން ސުވާލު ނުކުރާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
ފެނުނު ތަކެތީގެ ބާވަތާއި ބަރުދަން ބެލުމަށް ފަހު ތުހުމަތު ކުރެވޭ ކުށް ތަފާތު ވެއްޖެ ނަމަ އަލުން ގާނޫނީ އިންޒާރު ދޭން ވާނެ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ. ނަމަވެސް، މި މައްސަލައިގައި ތުހުމަތު ޑައިމޯފިން ޓްރެފިކް ކުރުމަށް ބަދަލުވުމުން އަލުން އެ ކުށަށް ގާނޫނީ އިންޒާރު ދީފައެއް ނުވެ އެވެ.
އެހެންވެ، ނާހިދުގެ މައްޗަށް އުފުލި ޓްރެފިކިންގެ ދައުވާއާ ގުޅޭ އެއްވެސް ތަހުގީގެއް ފުލުހުން ހިންގި ކަމެއް އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ދައުލަތުން ބުނެފައި ވަނީ، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ތަހުގީގުގައި ސުވާލުކުރުމުގެ ކުރިން ގާނޫނީ އިންޒާރު ދިނުމަކީ އިޖުރާއަތުގެ ގާނޫނުގެ ކުރިން އަމަލުކުރަމުން އައި އުސޫލެއް ނޫން ކަމަށެވެ. ނާހިދުގެ މައްސައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުމުގެ ކުރީގެ މައްސަލައެކެވެ.
ނަމަވެސް އެ ހައްގުތަކަކީ ގާނޫނުުއަސާސީން ލިބިގެންވާ ހައްގުތަކެއް ކަމުން އެއީ އޭރު ނެތް ހައްގުތަކެއް ކަމަށް ނުބެލޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން، ނާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އެއްފަރާތް ކުރުމަށް ފަހު ކަމަށް ހުކުމުގައިވެ އެވެ.
"މިރަންޑާ ރައިޓްސްއަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަން އެނގެ އެވެ. އެހެންކަމުން، އެ ހައްގުތައް ނިގުޅައިގަނެވި ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް، އިސްމާއީލް ނާހިދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންގޮސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އެއްފަރާތް ކުރުމަށް ފަހު ކަމުގައި އަހުރެން ދެކެމެވެ،" ހުކުމުގައިވެ އެވެ.
އެހެންކަމުން، ފަނޑިޔާރު ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ސަމީރުގެ އިއްތިފާގުން ނިންމެވީ ނާހިދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރާށެވެ.