ދ. ބަނޑިދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، އުމުރުން 77 އަހަރުގެ ދިވެހި އެ ފިރިހެންމީހާ މަރުވީ ހެނދުނު 11:17 ގައި ކަމަށެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި 175 ވަނަ މީހާ އެވެ. މިއާ އެކު މި މަހު މަރުވި މީހުންގެ އަދަދު 11 އަށް އެރީ އެވެ.

މާލޭގެ އިތުރުން އެހެން ރަށްރަށުގައި ވެސް ކޮވިޑަށް ފަރުވާ ހޯދާ މީހުން މަރުވުން މިހާރު ވަނީ އިތުރުވެފަ އެވެ. އިއްޔެ ވެސް ގދ. ތިނަދޫގައި މި ބައްޔަށް ފަރުވާ ހޯދަމުން އައި އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ބަލީގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ކުޑަކުއްޖެއް ވެސް ވަނީ މި ހަފުތާގައި މަރުވެފަ އެވެ. އެންމެ 10 އަހަރުގެ އެ ކުއްޖާ މަރުވީ މާ ބޮޑަށް ހާލު ދެރަވެ، ފަރުވާ ނުދެވި ލަސްވެގެންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޭސްތައް މިހާރު ވަނީ މަޑުމަޑުން ދަށްވާން ފަށައިފަ އެވެ.