މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އާބަން ފަރުނީޗަރު ޑިޒައިން ކުރުމުގެ މުބާރާތެއް ބާއްވައިފި އެވެ.
"އާބަންސްކޭޕް"ގެ ނަމުގައި ބޭއްވި އެ މުބާރަތަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) ގެ އާކިޓެކްޗާ ޕްރޮގްރާމާއި އިންޓީރިއާ ޑިޒައިނިން ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މުބާރާތެކެވެ.
މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު އެމްއެންޔޫގައި ބޭއްވި އެ މުބާރާތުގައި 60 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ޓީމުތަކަށް ބާހަލައިގެން ވާދަކުރާ އެ މުބާރާތުގައި ފަސް ކުދިންގެ 12 ޓީމެއް ހިމެނެ އެވެ.
ފެސްޓްގެ އާކިޓެކްޗާ ޑިޕާޓްމެންޓުގެ ހެޑް އަދި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރާކާތްތެރިވި އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި، އެ މުބާރާތުގެ އަމާޒަކީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހޮވައިލާފައިވާ ފަސް ސަރަހައްދެއްގައި ތަރައްގީކުރާނެ އާބަން ފަރުނީޗަރު ޑިޒައިން ކުރުމެވެ.
"މި މުބާރާތުގައި ދަރިވަރުން ވާދަކުރާނީ އެޗްޑީސީން ކަނޑައަޅާފައިވާ، އާންމުން އެންމެ ގިނައިން އެއްވާ ފަދަ (އޯޕެން ސްޕޭސް) ސަރަހައްދުތަކުގައި ގާއިމު ކުރާނެ ފަރުނީޗަރު ޑިޒައިން ކުރުމަށް. އެންމެ ރަނގަޅު ތިން ފަރުނީޗަރެއް ހޮވައި އެ ޑިޒައިންތައް އެޗްޑީސީން ހުޅުމާލޭގައި ބިނާ ކުރާނެ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުކުރު ދުވަހު ޑިޒައިންތައް ތަރައްގީ ކުރަން ފެށުމުގެ ކުރިން ދަރިވަރުންގެ ޓީމުތަކަށް އެޗްޑީސީން ވަނީ ޑިޒައިން ކުރުމާ ގުޅޭ މައުލޫމާތު ސެޝަނަކާއި، އެ ކޯޕަރޭޝަނުން ކަނޑައެޅި ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އޭގެ އިތުރުން، ހުޅުމާލޭގެ ސަރަހައްދުތައް ބަލާ އެ ސަރަހައްދުތަކުގެ މީހުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ދީފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. އެ މަސައްކަތައް ފަހު ޑިޒައިންތަކުގެ ކޮންސެޕްޓުތައް މި މަހުގެ 22 ވަނަ ދުވަހު ދަރިވަރުން ހުށަހަޅާފައިވެ އެވެ.
"ހުކުރު ދުވަހު އެމްއެންޔޫގައި އެންމެ އެއްވެ މަސައްކަތް ފެށުމުގެ ކުރިން ވެސް ދަރިވަރުން ދިޔައީ ޑިޒައިންތަކުގެ މަސައްކަތް ކުރަމުން. ވަރަށް ފުރިހަމަ އެއްބާރުލުމެއް ޓީމުތަކުން ލިބުން. ތަފާތު ޑިޒައިންތައް ފެނިގެން ދިޔަ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަނަ އަށް ހޮވޭ ޓީމުތަކަށް ލިބޭ އެންމެ ބޮޑު ފަހުރަކީ، އެ ދަރިވަރުން ޑިޒައިން ކުރި ފަރުނީޗަރުތައް ކުރިމަގުގައި ހުޅުމާލޭގެ ސަަރަހައްދުތަކުގައި ފެންނަން ހުރުމެވެ. އަދި އަމަލީ ގޮތުން އެޗްޑީސީއާ އެކު މިފަދަ ޑިޒައިންތައް ތަރައްގީ ކުރަން ލިބުމުގެ ސަބަބުން އެ ދަރިވަރުންގެ ކިޔެވުމުގައި އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރޭ އެމްއެންޔޫގައި ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ވަނަ ވަނައަށް ދިޔަ ޓީމުތައް ހޮވައި، އެ ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ. އެއް ވަނަ ޓީމަށް ލިބުނީ 10،000ރ. އެވެ. ދެވަނަ ޓީމަށް 6000ރ. ލިބިފައިވާ އިރު، ތިން ވަނަ ޓީމަށް ލިބުނީ 4000ރ. އެވެ.
އާބަންސްކޭޕް ޑިޒައިން މުބާރާތުގެ އެއްވަނަ އަށް ގޮސްފައިވަނީ "ޓީމް ލޫނާ" އެވެ. އެ ޓީމުގެ ޑިޒައިނަކީ ދިވެހިންގެ ތެރޭގައި މަގުބޫލު، ރެދަން މިސާލަކަށް ނަގައިގެން ފަރުމާކޮށްފައިވާ މައިޒާނެކެވެ.
"އަޅުގަނޑުމެން ބޭނުންވީ ރެދަން ފެނުމުން މީހުންނަށް އެކުރާ އަސަރު ކުރާނެ ފަދަ ޑިޒައިނެއް ފަރުމާކުރަން. އެހެންވެ، މި ޑިޒައިނަކީ އެފަދަ ގޮތަކަށް ހުޅުމާލެ ސެންޓްރަލް ޕާކަށް ހާއްސަކޮށްގެން ހަދާފައިވާ ޑިޒައިނެއް،" އެ ޓީމުން ބުންޏެވެ.
ދެވަނަ އަށް ދިޔަ "ވީ" ޓީމުން ޑިޒައިން ކޮށްފައި ވަނީ "ދަ އިން ބިޓްވީން"ގެ ނަމުން ނަންދީފައިވާ ބިނާއެކެވެ. އެ ތަނަށް ޒިޔާރަތްކުރާ މީހުން ހިތްފަސޭހަކޮށްލުމާއި މަސް ބޭނުން ފަދަ ކަންކަން ކުރެވޭނެ އެވެ. އެތަން ތަރައްގީ ކުރާނީ ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ހިސާބު، ކުރީގެ ބާބަކިއު ސަރަހައްދުގަ އެވެ.
ތިން ވަނަ އަށް ހޮވުނު "ހުނަރުވެރިންގެ ޑިޒައިން ކްލަބް" ޓީމުގެ ދަރިވަރުން ތައްޔާރުކޮށްފައި ވަނީ ހުރިހާ އެންމެންނަށް ވެސް ބޭނުންކުރެވޭނެ ފަދަ ހިތްފަސޭހަ މައިޒާނެކެވެ. އެ ތަން ތަރައްގީ ކުރާނީ ހުޅުމާލެ 2 ގެ 12 ވަނަ ޓަވަރާ ދިމާ ގޮނޑުދޮށުގަ އެވެ.
މިއީ އެޗްޑީސީއާ ގުޅިގެން އެމްއެންޔޫއިން މިފަދަ މުބާރާތެއް ބޭއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވި މުބާރާތުގައި އެމްއެންޔޫގެ ދަރިވަރުންތަކެއް ތައްޔާރުކޮށްފައިވާ ޑިޒައިނެއް މިހާރު ވެސް ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުރެ އެވެ.
މި މުބާރާތުގެ ސަބަބުން އެޗްޑީސީއާ އޮންނަ ގުޅުން ބަދަހިވި ކަމަށާއި، ކުރިމަގުގައި އެޗްޑީސީއާއެކު ހިންގަން ލިބޭ މިފަދަ ފުރުސަތުތަކުގައި ޔުނިވާސިޓީން ބައިވެރިވާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.