ކޯޕަންހޭގަން (12 ޖޫން) - ޔޫރޯ 2020ގެ ގުރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލެންޑް ކުޅެމުންދިޔަ މެޗުގައި ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހާލު މި ވަގުތަށް ރަނގަޅު ކަމަށް ޔުއޭފާ އިން ބުނެފި އެވެ.
ޔުއޭފާ އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ އެރިކްސަން ،29، އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ މިހާރު "ސްޓޭބަލައިޒް" ކުރެވިފައިވާ ކަމަށެވެ.
އެރިކްސަން އަށް ދިމާވި ސިއްހީ މައްސަލައާ ގުޅިގެން، މި މެޗުގެ ކުޅުން ވަނީ ހުއްޓާލައިފަ އެވެ.
އިންޓަ މިލާންގެ މިޑްފީލްޑަރެއް ކަމަށްވާ އެރިކްސަން ފިންލެންޑްގެ ހާފުގެ ތެރެއިން ކުއްލި އަކަށް ވެއްޓުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ.
އެރިކްސަން ވެއްޓުމާ އެކު، ޑެންމާކްގެ ކުޅުންތެރިން އޭނާ ކައިރި އަށް ގޮސް، އެ ކުޅުންތެރިންގެ ހަރަކާތްތަކުން އެރިކްސަންނަށް ދިމާވީ ސީރިއަސްކަމެއްކަން އެނގިގެން ދިޔަ އެވެ. ދަނޑުމަތީގައި އެރިކްސަން އަށް ފަރުވާ ދެމުންދިޔައިރު، ޑެންމާކްގެ ކުޅުންތެރިން ތިބީ ސަފެއްހެން އެތުރިލައިގެންނެވެ. ގިނަ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ.
ޑެންމާކްގެ ކޯޕަންހޭގަން ކުޅުނު މެޗަށް ވަދެ ތިބި ޑެންމާކްގެ ސަޕޯޓަރުން ދިޔައީ މި ހާދިސާގެ ކުރިން ވަރަށް ފޯރި ނަގަމުންނެވެ. އެކަމަކު އެރިކްސަން އަށް ދިމާވި ހާދިސާ އާ އެކު، މުޅި ދަނޑަށް ވެރިވީ ހަމަހިމޭންކަމެވެ. ޑެންމާކްގެ ސަޕޯޓަރުންގެ މޫނުމަތިން ވެސް ފެނިގެންދިޔައީ މާޔޫސްކަމެވެ.
ދަނޑުމަތީގައި އެރިކްސަން އަށް 15 ވަރަކަށް މިނިޓު ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. -- އޭއެފްޕީ