ޑަބްލިން، އަޔަލެންޑް (ނޮވެމްބަރު 15) - ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހެޓްރިކާ އެކު 5-1 އިން އަޔަލެންޑް ބަލިކޮށް ޑެންމާކް ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފި އެވެ.
އެރިކްސަން ވަނީ މި ފަހަރުގެ ކޮލިފައިންގައި ޖުމްލަ 11 ގޯލު ޖަހައިފަ އެވެ. މިއީ އެ ގައުމުގެ މިޑްފީލްޑަރަކު ކޮލިފައިންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ. ޑެންމާކް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ލަނޑެއް ނުޖެހި އެއްވަރުވުމުން ރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ވޯލްޑް ކަޕްގެ ޖާގަ ލިބޭނެ އެވެ.
ރޭގެ މެޗުގައި އަޔަލެންޑަށް މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޝޭން ޑަފީ އެވެ. ޑެންމާކުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ ތިން މިނިޓް ތެރޭގަ އެވެ. ޑެންމާކުން އެއްވަރުކުރީ މެޗުގެ 29 ވަނަ މިނިޓްގައި އަޔަލެންޑްގެ ސައިރަސް ކްރިސްޓީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން އެރިކްސަން ވަނީ ޑެންމާކަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގައި އިތުރު ދެ ލަނޑު ޖަހައި އެރިކްސަން އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، ޑެންމާކުގެ ފަހު ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އާސެނަލްގެ ކުރީގެ ފޯވާޑް ނިކްލަސް ބެންޓްނާ އެވެ.
"އަަހަންނަކީ އާންމުކޮށް ހެޓްރިކް ހަދާ ކުޅުންތެރިއެއް ނޫން. އެކަމަކު މި ކަހަލަ މެޗެއްގައި އެކަން ފުރިހަމަ ވުމުން ކުރެވެނީ ތަފާތު އިހުސާސެއް. ވޯލްޑް ކަޕްގެ ޖާގަ އަކަށް ދިގު އިންތިޒާރެއް އަހަރެމެން ކޮށްފިން މިހާރު މިއޮތީ އެކަން ހާސިލްވެފައި،" އުމުރުން 25 އަހަރުގެ އެރިކްސަން ބުންޏެވެ.
މިއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަށް ފަހު ޑެންމާކް އެ މުބާރާތުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ޑެންމާކް މި މުބާރާތުގައި ވާދަކުރާ ފަސް ވަނަ ފަހަރަށެވެ.