ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު މިވީ 80 އަހަރު ތެރޭގައި ޑިމޮކްރަސީއަށް މިހާ ގޮންޖެހުން ބޮޑު ދުވަސްވަރެއް ކުރިމަތިވެފައި ނުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
"އަހަރެމެން މިހާރު ހޭދަކުރަމުން މި ދަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔޭގައި ވެސް ޑިމޮކްރަސީއަށް ގޮންޖެހުން އެންމެ ބޮޑު ދުވަސްވަރު،" ދެ ވަނަ ބޮޑު ހަނގުރާމައަށް 80 އަހަރުން ފުރުން ފާހަގަކުރުމަށް ފްރާންސްގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑެން ވިދާޅުވި އެވެ.
"ވަކިވެގަތުމަކީ މީގެ 80 އަހަރު ކުރިން ވެސް އަދި މިހާރު ވެސް ހައްލެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.
ދެ ވަނަ ބޮޑު ހަނގުރާމާގައި އެމެރިކާ އާއި އެ ގައުމާ އެކު މަސައްކަތްކުރި ގައުމުތަކުގެ ސިފައިން ކުރި ހިތްވަރު ހަނދާންކުރައްވަމުން ބައިޑެން ވިދާޅުވީ އެއީ އެކަނިމާ އެކަނި ބަޔަކަށް ކުރެވޭ ވަރުގެ ކަންކަން ނޫން ކަމަށާއި 80 އަހަރު ކުރިން ދެއްކި އެ ހިތްވަރުގައި ހާސިލްކުރި ކަންކަމަކީ ބަޔަކަށް އެކަނި ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.
މި ވާހަކައިގެ ތެރެއިން ބައިޑެން ވަނީ ރަޝިޔާއިން ޔުކްރެއިން ހިފަން އުޅޭ އުޅުމާ ދެކޮޅަށް ޔުކްރެއިން ކުރާ މަސައްކަތުގައި އެ ގައުމު އެކަނި ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޭޓޯ އަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އަސްކަރީ އިއްތިހާދު ކަމަށް ވިދާޅުވެ ޔުކްރެއިންގެ ހިމާޔަތުގައި ކުރާ މަސައްކަތަށް ޝުކުރު އަދާކުރެއްވި އެވެ. -- އޭއެފްޕީ