ވޮޝިންޓަން (މެއި 6) - ކުޑަ ދެ ކުދިންނާއި ދެމަފިރިއަކު ގަދަ ކަމުން ބޯޓުން ބާލުވާފައިވާތީ ޑެލްޓާ އެއާލައިންސް އިން މައާފަށް އެދިއްޖެ އެވެ.
ޑެލްޓާ އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕަސިންޖަރަކާ ދިމާލަށް އެއާލައިނުގެ ސްޓާފަކު ހިތްހަމަ ނުޖެހޭ ގޮތަށް ވާހަކަ ދައްކާ އެ މީހުންގެ ކުޑަ ދަރިފުޅަށް ނަގާފައިވާ ސީޓް ދޫކޮށް ނުލައިފި ނަމަ ޖަލަށް ގެންދާނެ ކަމަށް ބުނުމަކީ އެއާލައިނުން ހިތާމަ ކުރާ ކަމެއް ކަމަށެވެ.
"ޑެލްޓާ އެއާލައިނުގެ މަގްސަދަކީ ޕަސިންޖަރުން ހިތްހަމަޖެހޭ ކަހަލަ ޚިދުމަތެއް ދިނުން. ޕަސިންޖަރުންތަކެއް ހިތްހަމަ ނުޖެހޭ ގޮތަށް ކަންތައް ކުރެވިފައިވާތީ މައާފަށް އެދެން،" ޑެލްޓާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެއާލައިނުން ބުނީ ބޯޓުން ބޭލި ޕަސިންޖަރުންނާ ގުޅާ އެ މީހުންނަށް ޓިކެޓް ރިފަންޑް ދޭން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި އިތުރު ފައިސާ ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ދެމަފިރިން ދަތުރު ކުރަން ހަމަޖެހިފައި ވަނީ ހަވާއީން ލޮސް އެންޖަލްސް އަށެވެ.
ޔޫޓިއުބުގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކެލިފޯނިއާގެ ދެމަފިރިއަކާ އެއާލައިނުގެ ސްޓާފަކު ދިޔައީ ޒުވާބު ކުރަމުންނެވެ. އެ ދެ ފަރާތުގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނީ އެ ދެމަފިރިންގެ ދޮށީ ދަރިފުޅަށް ގަނެފައިވާ ސީޓް އެއް އަހަރުގެ ކުޑަ ދަރިފުޅަށް ދިނުމުންނެވެ. އޭރު އެމީހުންގެ ދޮށީ ދަރިފުޅު ވަނީ އެހެން ފްލައިޓަކުން ފުރައިފަ އެވެ. ފިރިމީހާ ބުނެފައި ވަނީ މަންމަގެ އުނގުގައި އިނދެ ނިދުމަށް ވުރެ ކުޑަ ދަރިފުޅަށް ނިދަން ފަސޭހައީ ސީޓުގައި އިނދެގެން ކަމަށެވެ. އެ ވަގުތު އޮފިޝަލް ބުނެފައި ވަނީ ސީޓުގައި އިނދެވޭނީ އެ ސީޓް ބުކްކޮށްފައިވާ ފަރާތަށް އެކަނި ކަމަށާއި އެއާ ފެޑެރަލް ޕޮލިސީ ކަމަށެވެ. އެއާލައިނުގެ ސްޓާފް ފަހުން ވަނީ އެއްބާރުލުން ނުދީފި ނަމަ ޖަލަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
ޑެލްޓާ އިން ބުނެފައި ވަނީ އެއީ އޯވަބުކްވެފައިވާ ފްލައިޓެއް ނޫން ކަމަށާއި އެކަމަކު ވެއިޓިންގައި ޕަސިންޖަރުން ތިބި ކަމަށެވެ.
ޔޫޓިއުބުގައި ބުދަ ދުވަހު އާއްމުކޮށްފައިވާ ވީޑިއޯ ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ. މި ހާދިސާ ހިނގީ އެޕްރީލް 23 ވަނަ ދުވަހު ކަމަށް ވިޔަސް ވީޑިއޯ އާއްމު ކުރީ ފަހުންނެވެ.
އެމެރިކަން އެއާލައިންސްގެ ފްލައިޓަކުން ވެސް މި މަހު 9 ވަނަ ދުވަހު ވަނީ ގަދަކަމުން ޕަސިންޖަރަކު ބާލައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާއްމުވުމުން އެ އެއާލައިނަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ބޯޓުން ބޭލި ޕަސިންޖަރަށް ބަދަލު ދީގެން އެއާލައިނުން ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.