ބެއިޖިން (އޮކްޓޯބަރު 3) - ޗައިނާ އަށް ގެއްލުންވާ ގޮތަށް ސިންގަޕޫރުން މަސައްކަތް ކުރަން އުޅޭތީ އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ޗައިނާގެ ޑިފެންސް އެޑްވައިޒަރު ގޮވާލައިފި އެވެ.

ޕީޕަލްސް ލިބަރޭޝަން އާމީން ހިންގާ ޑިފެންސް ޔުނިވާސިޓީގެ ޑިރެކްޓަރު ޕްރޮފެސަރު ޔިން ޔިނާން ޗައިނާގެ ނޭޝަނަލް ރޭޑިއޯ އަށް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ބައިނަލްއަގުވާމީ ކަމަކަށް ހަދަން ސިންގަޕޫރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ސިންގަޕޫރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަދަ ކަމެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރު އެންގް ގެން ވެސް މިދިޔަ ހަފުތާގައި ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ގައުމުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައިފަ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަނަށް ފިލިޕީންސް އިން ހުށަހެޅުމުން އެ ކޯޓުން ޖުލައި މަހު ނިންމާފައި ވަނީ އެ ކަނޑަށް ޗައިނާ އިން ވެރިވެގަނެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.

އެެންގް ވިދާޅުވީ ޗައިނާ އިން ވެސް ސޮއިކޮށްފައިވާ އދ. ގެ ކޮންވެންޝަން އޮފް ދަ ލޯސް އޮފް ދަ ސީސްގެ ދަށުން ކޯޓް އޮފް އާބިޓްރޭޝަނުގެ ހުކުމަކީ ގާނޫނީ ގޮތުން އަމަލު ކުރަން ޖެހޭ ނިންމުމެއް ކަމަށެވެ.