ބޮލީވުޑްގެ އެކްޓަރު ނާނާ ޕާޓޭކަރު މަރުވުމުން ކުރީގެ އެކްޓްރެސް ތަނުޝްރީ ދައްތާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ހުރެ އިންޑިއާގެ ފަންނާނުންނާއި ސަޕޯޓަރުން ނުރުހި، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މި މައްސަލަ ހޫނުވީ ނާނާ މަރުވި ޚަބަރަށް އިޝާރާތްކޮށް ތަނުޝްރީ އާންމުކުރި ވީޑިއޯއެއްގައި، އެއީ އޭނާގެ ހަޔާތަށް ލިބުނު "އުފާވެރި ކުރިއެރުމެއް" ކަމަށް ބުނެ، ނާނާއަށް ނިސްބަތްކޮށް "އީވިލް ޑެޑް" ފަދަ ބަސްތައް ބޭނުންކުރުމުންނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ފައްޅިއަކަށް ގޮސް އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ.
މި ވާހަކަތަކާ ގުޅިގެން އިންޑިއާގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން އިން ވަނީ ތަނުޝްރީގެ ބަސްމަގު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ޖަމިއްޔާގެ ރައީސް ސުރޭޝް ގުޕްތާ ބުނީ މީހަކު މަރުވުމުން މިފަދަ ލަދުވެތި ބަސްތައް ބޭނުންކުރުމަކީ އިންސާނިއްޔަތުކަމާ ހިލާފު ކަމެއް ކަމަށާއި މިއީ މަޝްހޫރުކަން ހޯދުމަށް ކުރި ކަމެއް ކަމަށެވެ.
ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ތަނުޝްރީ ވަނީ އޭނާގެ ދިފާއުގައި އިތުރު ވީޑިއޯތަކެއް އާންމުކޮށްފަ އެވެ.
ތަނުޝްރީ ބުނެފައި ވަނީ މީހަކު މަރުވުމުން އޭނާ ކުރީގައި ކުރި ނުބައި ކަންތައްތައް ފޮހެވިގެން ނުދާނެ ކަމަށާއި، "މީޓޫ" ހަރަކާތުގައި ނާނާއާ ދެކޮޅަށް ތުހުމަތުކުރި ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ތަނުޝްރީ، 2018 ވަނަ އަހަރުގެ "މީޓޫ" ހަރަކާތުގެ ތެރެއިން ނާނާއަށް ޖިންސީ ގޯނާގެ ތުހުމަތުކުރި މައްސަލަ، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ ފައިލްކޮށްފަ އެވެ.