އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ސްކޫލެއްގައި ޓީޗަރަކު ޖެހުމުގެ ސަބަބުން ހަ އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.
ޓީޗަރު ޖެހުމުގެ ސަަބަބުން ހޭނެތިގެން ވެއްޓުނު އެ ކުއްޖާއަށް ފަރުވާ ދެނިކޮށް މަރުވުމާ އެކު ކުދިންނަށް ދޭ ޖިސްމާނީ އަދަބުތަކާ ދެކޮޅަށް މުޅި ގައުމުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ އަންދްރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގައި ހުންނަ ސްކޫލެއްގަ އެވެ. ސެކިއުރިޓީ ކެމެރާގެ ފޫޓޭޖުން ފެންނަ ގޮތުގައި، އަންހެން ޓީޗަރަކު އެ ކުއްޖާގެ ހެދުމުގައި ހިފެހެއްޓުމަށް ފަހު މޫނުމަތީގައި ޖަހަ އެވެ. އަދި އެއާ އެކު އެ ކުއްޖާ ހޭނެތިގެން ވެއްޓެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫކޭޖީ ދަރިވަރުގެ މޫނުމަތީގައި ޓީޗަރު ޖަހަނީ ފިލާވަޅެއް ނުނިންމާ އޮތުމުންނެވެ. އަދި ޓީޗަރު އެ ކުއްޖާގެ ގައިގައި ޖަހަން އުޅުމުން، އެހެން ނުހަދަން އެ ކުއްޖާ އާދޭސްކުރާކަން ކުއްޖާގެ ހަރާތްތަކުން އެނގެ އެވެ.
މަރުވި ކުއްޖާ ކަމަށްވާ ޕްރަނާއި ތޭޖްގެ ބައްޕަ އެންޑީޓީވީއަށް ބުނީ ހާދިސާ ހިނގި ދުވަހުގެ ހެނދުނު 8:00 ހާއިރު ކުއްޖާ ހޭލައިގެން ސްކޫލަށް ދާން ވަރަށް ބޭނުންވެގެން އުޅުނު ކަމަށާއި، އޭރު ކުއްޖާގެ ހާލު ވަރަށް ރަނގަޅު ކަމަށެވެ. ކުއްޖާ މަރުވި ޚަބަރު ލިބުމާ އެކު އާއިލާގެ މީހުން ހޮސްޕިޓަލް ކައިރިއަށް އެއްވެ، މިކަމުގައި ޒިންމާވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ އެދިފަ އެވެ.
އަންދަރް ޕްރަދޭޝްގެ އެޑިއުކޭޝަން އަދި އައިޓީ މިނިސްޓަރު ނާރާ ލޯކޭޝް ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، ސްކޫލްތަކުގައި ކުދިންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ސްކޫލް މެނޭޖްމަންޓަށާއި ޒިންމާވާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، މިކަން ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ އެންޖީއޯއެއް ކަމަށްވާ "އަގްރަސާރު" އިން 2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ގާނޫނީ ގޮތުން މަނާކޮށްފައިވީ ނަމަވެސް އިންޑިއާގެ ބައެއް ސްކޫލްތަކުގައި 80 ޕަސެންޓް ކުދިންނަށް ޓީޗަރުންގެ ފަރާތުން ޖިސްމާނީ އަދަބުތަކާ ކުރިމަތިލާންޖެހެ އެވެ.