ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރް) އާއި ކެމަރޫން ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި ރަން ރަން ނަގާ ވަޅެއްގެ ވެލިގަނޑު ކަނޑައިގެން ގޮސް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވިއްޖެ އެވެ. 

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެދެވޭ ގޮތެއްގައި އަޅާފައިނުވާ، އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން ރަން ނަގަމުންދިޔަ ސައިޓެއްގަ އެވެ. ބިންގަނޑު ކަނޑައިގެން ގޮސް، މައިން އެއްކޮށް ވެއްޓުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފަސްގަނޑުގެ ދަށުވެފަ އެވެ.

ސީއޭއާރްގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ހިނގީ އެ ގައުމުގެ ހުޅަނގުގައިވާ ނާނާ-މަމްބެރޭ ޕްރިފެކްޗާގެ އަައްބާ ސަރަހައްދުގަ އެވެ. ނަމަވެސް، ކެމަރޫންގެ ރިޕޯޓްތައް ބުނާގޮތުން މިއީ ކެމަރޫންގެ އިރުމަތީ ބޯޑަރު ކައިރީގައިވާ ޒަމްބޯޔާ އަވަށެވެ.

މަރުވި މީހުންގެ ތެރޭގައި އެ ދެ ގައުމަށް ނިސްބަތްވާ ހިޖުރަވެރި މަސައްކަތްތެރިން ހިމެނެ އެވެ.މިހާތަނަށް ކޮނެގެން ނެގިފައިވަނީ 30 މީހުންގެ ހަށިގަނޑު ކަމަށް ވާއިރު، އަދިވެސް ގިނަ ބަޔަކު ފަސްގަނޑުގެ ދަށުގައި ތާށިވެފައިވާތީ މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މަތިވާނެ ކަމުގެ ބިރު ބޮޑެވެ.

މި ސަރަހައްދަކީ ރަސްމީކޮށް ރަޖިސްޓްރީނުކޮށް ގަވާއިދާ ހިލާފަށް ހިންގާ ސައިޓަކަށް ވުމުން، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބީ ކިތައް މީހުންކަން ކަށަވަރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ބިންގަނޑު އިތުރަށް ކަނޑައިގެން ހިނގައިދާނެތީ، ބަރު މެޝިނަރީ ބޭނުންކުރުމުގެ ބަދަލުގައި، އާންމުންނާއި ރެސްކިއު ޓީމުތަކުގެ މީހުން ދަނީ އަތުން ކޮނެގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.