ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން "އެޗް3" ގެ ކޮމާޝަލް އޭރިއާގައި ޑޭކެއާ ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.
އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، އެޗްޑީސީން ބުނީ ޑޭކެއާ ސެންޓަރު ހެދުމަށް އޮތް ޖާގައަކީ 2،190.88 އަކަފޫޓު ކަމަށެވެ.
އިއުލާނުގައިވާ ގޮތުން، ޑޭކެއާ ސެންޓަރު ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ފުރުސަތަކީ އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ޕްރޮޕޯސަލާއެކު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހޭ ކަމަށް އެޗްޑީސީން ބުންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުންތަކާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.
ހިޔާ ފްލެޓްތަކަށް މިހާރު 300 އެއްހާ އާއިލާ ބަދަލުވެފައިވާއިރު، އެޗްޑީސީން އަންނަނީ އެ ތަނުގެ ކޮމާޝަލް އޭރިއާ އެކި ބޭނުންތަކަށް ދޫކުރަމުންނެވެ. އޭގެ ތެރޭގައި ސެލޫންތަކާއި ކްލިނިކް އަދި ވިޔަފާރިތައް ހުޅުވުމަށް އެކި ފަރާތްތަކާ ހަވާލުކޮށް މިހާރު މަސައްކަތް ކުރިއަށް އެބަދެ އެވެ.