ލަންޑަން (އޮގަސްޓް 2) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރިއިރު އޭނާއާ މެދު ކަންތައް ކޮށްފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ޑޭވިޑް މޮއިސް އެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެވަޓަން އަށް 11 އަހަރު ކޯޗުކޮށްދިނުމަށް ފަހު މޮއިސް ޔުނައިޓެޑާ ހަވާލުވީ 2013 ވަނަ އަހަރު އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ކޯޗިން އިން ރިޓަޔަކުރުމުންނެވެ. ޔުނައިޓެޑާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މޮއިސް ވަނީ މަގާމާ ހަވާލުވިތާ 10 މަސް ތެރޭ ވަކިކޮށްފަ އެވެ. އަދި ބަދަލެއްގެ ގޮތުގައި ޔުނައިޓެޑުން އޭނާ އަށް 5 މިލިއަން ޕައުންޑް ދެއްކި އެވެ.

"ބޮޑު ޓީމަކަށް ކޯޗުކޮށްދިނުމަކީ ފަސޭހައިން ލިބޭ ހުށަހެޅުމެއް ނޫން. އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އަހަންނާ ދެމެދު ޔުނައިޓެޑުން ކަންތައް ކުރީ ރަނގަޅަކަށް ނޫން. ހަ އަހަރުގެ އެއްބަސްވުމެއް ދީފައި 10 މަސް ތެރޭގައި ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން،" ސަންޑަލެންޑްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މޮއިސް ބުންޏެވެ.

މޮއިސް ބުނީ އޭނާގެ ފެންވަރު ސާބިތުކޮށްދޭން ޔުނައިޓެޑުން ވަގުތު ދިން ނަމަ ތަފާތެއް ދެއްކޭނެ ކަމަށެވެ.

"ގިނަ އަހަރުތަކެއް ވަންދެން އެއް ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅުމަށް ފަހު އާ ކޯޗަކާ އެކު ފަށާއިރު އުނދަގޫ ގޮތްތަކެއް ހުންނާނެ. އަހަންނަށް ޔުނައިޓެޑުގައި ގިނަ މެޗުތަކެއް ގެއްލުނު. އެކަމަކު އެއީ އަހަރެންގެ ސިސްޓަމަށް ޓީމު ހޭނެން ނެގި ވަގުތު. އަހަރެން ބޭނުންވާ ވަރަށް ވަގުތު ލިބުނު ނަމަ ޔުނައިޓެޑުގައި ތަފާތެއް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް،" މޮއިސް ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރުމުން ދެން މޮއިސް ފެނުނީ 2014 ވަނަ އަހަރު ސްޕެއިނުގެ ރެއާލް ސޮސެއިޑާޑް އިންނެވެ. އޭނާ އެ ޓީމުން ވަކިކުރީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

މޮއިސް މިދިޔަ މަހު ސަންޑަލެންޑާ ހަވާލުވީ އެ ޓީމުގެ ކުރީގެ ކޯޗު ސޭމް އެލަޑައިސް އިންގްލެންޑް ކޯޗަކަށް ހަމަޖެއްސުމުންނެވެ.