ސައޮ ޕޯލޯ (އޮގަސްޓް 19) – ބްރެޒިލް ލީގުގައި ސައޮ ޕޯލޯ އަށް ޑެނިއަލް އަލްވެސް ކުޅެދިން ފުރަތަމަ މެޗުގައި އޭނާ ޖެހި ގޯލާ އެކު ސިއަރާ އަތުން 1-0 އިން ސައޮ ޕޯލޯ މޮޅުވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ އަލްވެސްގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ސްޕެއިން ޑިފެންޑަރު ހުއަންފްރެން ވެސް އިއްޔެގެ މެޗުގައި ސައޮ ޕޯލޯ ކުޅުނެވެ. ޔޫރަޕުގެ މަތީ ފަންތީގައި ކުޅުމަށް ފަހު ކެރިއަރުގެ ފަހުކޮޅު މަޝްހޫރު ގިނަ ކުޅުންތެރިން މިސްރާބު ޖަހަނީ މެދުއިރުމައްޗަށް ނޫނީ ޗައިނާ ނުވަތަ އެމެރިކާ އަށެވެ. އެކަމަކު މި ދެ ކުޅުންތެރިން އިހުތިޔާރުކުރީ ބްރެޒިލް ލީގެވެ.

ބްރެޒިލް ލީގުގައި ކޮންމެ ޓީމަކުން 15 މެޗު ކުޅެފައިވާއިރު 32 ޕޮއިންޓް ހޯދައި އެއް ވަނައިގައި އޮތީ ސަންތޯސް އެވެ. ފްލެމިންގޯ 30 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ޕަލްމެއިރާސް އެވެ. ސައޮ ޕޯލޯ އޮތީ 27 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ބްރެޒިލްގެ ބަހިއާ އިން 2001 ގައި ކެރިއަރު ފެށި އަލްވެސް ވަނީ އޭގެ ފަހުން ސްޕެއިނުގެ ސެވިއްޔާ އާއި ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އަދި ފްރާންސްގެ ޕީއެސްޖީގައި އެންމެ މަތީ ފެންވަރުގައި ކުޅެ 40 ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ބްރެޒިލް ގައުމީ ޓީމާ އެކު ކާމިޔާބުކުރި ދެ ކޮޕާ އެމެރިކާ ހިމެނެ އެވެ. މިދިޔަ މަހު ބްރެޒިލުން އެ ތަށި ކާމިޔާބުކުރިއިރު ކެޕްޓަންކަންކޮށް އަދި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

ރެއާލް މެޑްރިޑާއި އެސްޕަންޔޯލާއި އޮސަސޫނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ހުއަންފްރެން ވަނީ ސްޕެއިން ގައުމީ ޓީމަށް 22 މެޗު ކުޅެދީފަ އެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ޔޫރަޕުން ފުރުސަތުތަކެއް ލިބުނު ނަމަވެސް އިހުތިޔާރުކުރީ ބްރެޒިލް ލީގެވެ.