ރިއޯ ޑި ޖަނޭރޯ (މެއި 28) - ބްރެޒިލްގެ ތަރި ނޭމާ އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑް ނަގައި ކުރިއަށް އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ކެޕްޓަނަކަށް ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް ހަމަޖައްސައިފި އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރެޒިލްގެ ކޯޗު ޓީޓޭ، އެ ޓީމުގެ ކެޕްޓަން ބޭންޑް ނޭމާ އަތުން ނަގަން ނިންމީ އޭނާއާ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށާއި މި ވަގުތުގެ ހާލަތަށް ބަލާއިރު ބްރެޒިލް ލީޑުކުރަން އެންމެ ރަނގަޅީ އަލްވޭސް ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނޭމާ އަތުން ކެޕްޓަން ބޭންޑް ނަގަން ނިންމީ ފަހަކަށް އައިސް އޭނާގެ ފަރާތުން ފެނިފައިވާ އަހުލާގީ މައްސަލަތަކުގެ ސަބަބުންނެވެ. ޕީއެސްޖީގައި ކުޅެނިކޮށް ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ނޭމާ އަށް ވަނީ ދެ ސަސްޕެއަންޝަނެއް އައިސްފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެފްރީ އަކަށް ފާޑުކިއުމުންނާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުންނެވެ.
ބްރެޒިލްގެ ކޯޗަކަށް ޑުންގާ ހުރިއިރު 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ނޭމާ އަށް ވަނީ އެންމެ ފުރަތަމަ ކެޕްޓަންކަން ދީފަ އެވެ. އެ ފަހަރު ވެސް ކޮލަމްބިއާ އަތުން ބްރެޒިލް ބަލިވި މެޗަށް ފަހު ނޭމާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއީ މެޗަށް ފަހު ކޮލަމްބިއާގެ އާމޭރޯއާ ދިމާލަށް ބޯޅަ ޖެހުމުންނެވެ. ޖެހިގެން އައި އަހަރު ބްރެޒިލުން ފުރަތަމަ ފަހަރަށް އޮލިމްޕިކްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ގެނައިއިރު ކެޕްޓަނަކީ ނޭމާ އެވެ.
އުމުރުން 27 އަހަރުގެ ނޭމާގެ އެދުމުގެ މަތިން މިިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ކެޕްޓަންކަން ކުރީ ތިއާގޯ ސިލްވާ އެވެ. އޭގެ ފަހުން އެކުވެރިކަމުގެ މެޗުތަކުގައި ނޭމާ އަލުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނެވެ.
އަނިޔާގެ ސަބަބުން އުމުރުން 36 އަހަރުގެ އަލްވޭސް އަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އަލްވޭސް ކުޅުނު ނަމަ އެ މުބާރާތް ވެގެންދާނީ އޭނާ ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތަށެވެ. އެކަމަކު އެ މުބާރާތުގައި ނުކުޅެވުމުން އަލްވޭސް ނިންމާފައިވަނީ ގައުމީ ޓީމާ އެކު ކުރިއަށްދާށެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ކޮޕާ އެމެރިކާ އަކީ އަލްވޭސް ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތެވެ.
ކޮޕާ އެމެރިކާގެ ތަށި އަށް ފަހު އުފުލާލާފައިވާ ބްރެޒިލްގައި މި ފަހަރު ބާއްވާ މި މުބާރާތުގައި އެ ޓީމު ލައްވާލީ ބޮލީވިއާ، ވެނެޒުއާލާ އަދި ޕެރޫއާ އެއް ގްރޫޕަކަށެވެ. ބްރެޒިލް އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2007 ވަނަ އަހަރު އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާގައި ބްރެޒިލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.