ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމަސް މުހައްމަދު ޖުނައިދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކަސްޓަމްސްގެ އިސްވެރިޔާގެ މަގާމުން ޖުނައިދު އިސްތިއުފާ މި ދެއްވީ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ސޮއިކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ.
ޕީޕީއެމުން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަތީ، ޖުނައިދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މީދޫ/މަރަދޫ ދާއިރާއަށް ވާދަކުރައްވާ އިމާދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށެވެ. އަދި އޭނާއާ އެކު ވަރަށް ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކުރަމުން އަންނަ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޭނުމަކީ އިމާދު ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްދިނުން. އަޅުގަނޑު ދެކޭގޮތުގައި މީދޫ ދާއިރާގެ ގޮނޑީގައި އިންނަން ވާނީ މީދޫ ދާއިރާގެ ދަރިއެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަކުރެވުނު ޖުނައިދު ވިދާޅުވި އެވެ.
ކަސްޓަމްސްގެ އިސްވެރިޔާގެ މަގާމަށް ޖުނައިދު އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ޖުނައިދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި ސަރުކާރުން އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ޖުނައިދާއި ޔާމީނަކީ ކުރިއްސުރެ ވަރަށް ގާތް ދެބޭފުޅުން ކަމަށް ވިޔަސް ފަހަކަށް އައިސް އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޖުނައިދުގެ އެހީތެރިކަމެއް ޔާމީން ނުހޯއްދަވާކަން ފާހަގަކުރެވެ އެވެ.