އެމްޓީސީސީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ހުރިހާ ވަގުތެއްގައި ވެސް ގުޅޭ ހޮޓްލައިނެއް (1650) މިއަދު ތައާރަފު ކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހޮޓްލައިން ތައާރަފް ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އާޒިމް ވިދާޅުވީ ހޮޓަލައިނެއް ނެތުމުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަންކަމުގައި ކުންފުންޏަށް ގުޅުމުގައި ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އޭނާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރު އެކަން ފާހަގަ ކުރެވި އެ ކުންފުނީގެ ހޮޓްލައިން ތައާރަފު ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް ދޭ ކުންފުންޏެއްކަން ފާހަގަ ކުރައްވައި އާޒިމް ވިިދާޅުވީ ކަސްޓަމަރުން ހިފަހައްޓަން ބޭނުންވާ ނަމަ ހޮޓްލައިނެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ގިނަ ކަސްޓަމަރުންތަކެއް އެމްޓީސީސީ އަށް ނުގުޅިގެން އަޅުގަނޑަށް ވެސް އެބަ ގުޅާ. އަދި ކުންފުނީގައި ރައްޓެއްސަކު ހުރިނަމަ އެމީހަކަށް އެބަ ގުޅާ. އަދި ބައެއް ފަހަރު ނުގުޅި ވެސް އެބަދޭ. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ކުންފުނީގައި 24 ގަޑިއިރު ގުޅޭނެ ނަންބަރެއް ގާއިމްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ 1650 އަކީ އާއްމުކޮށް ހުންނަ ހޮޓްލައިންތަކާ ތަފާތު ނަންބަރެއް ކަމަށެވެ. އެގޮތުން، އެ ހޮޓްލައިނަށް ގުޅައިގެން ކިޔޫގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި ވަގުތުން ކުންފުނީގެ މުވައްޒަފަކާ ގުޅުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް މަހަކު 2،055 ކޯލު ލިބެ އެވެ. މިއީ ދުވާލަކު 114 ކޯލެވެ. މީގެ ތެރެއިން އެންމެ ގިނައިން ލިބެނީ ކަށަވަރު ޝޯރޫމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ލިބޭ ކޯލްތައް ކަމަށް އެމްޓީސީސީން ބުންޏެވެ.