ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ކެނަބިސް ކަމަށެވެ.
މި ތަކެތި އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަލައި ފާސް ކުރަމުންދިޔަ އިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ޗެކް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ދާދި ފަހުން ވެސް އަތުލައިގެންފައިވެ އެވެ.
އެގޮތުން މި މަހުގެ ފަސް ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.
މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެ އެވެ.