އެސްޓީއޯ އިން "ސުޕަ ކަޕް ޕްރޮމޯޝަން" ގެ ނަމުގައި ކަޕް ނޫޑުލްސް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު އެސްޓީއޯގެ ސުޕަމާޓުގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. މި ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

އެސްޓީއޯ ސުޕަމާޓުގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯގެ ފިހާރަތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ގަންނަ ކޮންމެ ކަޕް ނޫޑުލްސްއަކާއެކު ސްކްރެޗް ކާޑެއް ލިބޭނެ އެވެ. އެ ކާޑު ކަހާލުމުން އަގުހުރި އިނާމްތައް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެސްޓީއޯ އިން ވަނީ މި ޕްރޮމޯޝަނުގައި 200،000ރ. ގެ އިނާމު ހުށަހަޅައިފަ އެވެ.

އެސްޓީއޯ އިން ފެށި މި ޕްރޮމޯޝަނުގައި ފަސް ވައްތަރެއްގެ ކަޕްނޫޑުލްސް ލިބެން ހުންނައިރު އެ ކުންފުނިން ވަނީ "ކަޅު ކުޅި މަނިކުފާނު"ގެ ނަމުގައި އާ ފްލޭވާއެއް ވެސް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. މިއީ ކުޅިކޮށް ނޫޑުލްސް ކާން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެ ނޫޑުލްސްއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.