ކިއުބާގައި 2022 ވަނަ އަހަރު ކުރިމަތިވި ކަރަންޓު ކެނޑުމުގެ މައްސަަލައާ ހެދި މުޒާހަރާއަށް މަގުމައްޗަށް ނުކުތް 13 މީހަކަށް، ބައެއް މީހުންނަށް 15 އަހަރުގެ ޖަލު ހުކުމާ އެކު، ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޖަސްޓިސިއާ 11ޖޭ" އިން ބުނީ ވެރިރަށް ހަވާނާއާ 600 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ ނުއެވިޓަސްގައި 18 ގަޑިއިރާ ހަމަޔަށް ކަރަންޓު ކެނޑުނު ދުވަސްވަރު ދިރިއުޅުމުގެ ހާލަތާ ގުޅޭ ގޮތުން ވެސް މީހުން މުޒާހަރާ ކުރި ކަމަށެވެ. މި މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް ހުކުމް އިއްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުްނާއި ތިން އަންހެނުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ހައްޔަރުކޮށްގެން ގެންގުޅުނު މި މީހުންނަށް ހަތަރު އަހަރުން ފެށިގެން 15 އަހަރާ ހަމަޔަށް ހުކުމް ތަންފީޒުކުރަންޖެހޭނެކަން އެންގީ ހުކުރު ދުވަހު ކަމަށެވެ. މި މީހުންނަށް ސާބިތުވި ކަމަށް ބުނާ ކުށްތަކުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ދުޝްމަނުންގެ ޕްރޮޕަގެންޑާ ފެތުރުން އަދި ދައުލަތް ހިންގުމަށް ދަތިކުރުން ހިމެނޭކަން އޭއެފްޕީ އަށް ލިބިފައިވާ ލިޔުންތަކުން އެނގެ އެވެ.
މި މީހުންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކުރިއަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހު އަސްކަރީ ކޯޓެއްގައި ފުލުހުންގެ ހާޒިރުގަ އެވެ.
ޖުލައި 11، 2021 ގައި ބޭއްވި މުޒާހަރާތަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 500 މީހުންނަށް 25 އަހަރާ ހަމައަށް ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އެންމެ ފަހުގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ. -- އޭއެފްޕީ