ކިއުބާއަށް 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޖާސޫސްކޮށްދިން އެމެރިކާގެ ކުރީގެ ސަފީރަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުރު ދުވަހު ހުކުމްކޮށްފި އެވެ.
ވިކްޓަ މެނުއެލް ރޯޝާ، 73، މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރުމަށް ފަހު އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައި ވެސް ބޭރު ގައުމަކުން އެމެރިކާ ސަރުކާރުގެ މިހާ މަތީ ލެވަލްއެއްގައި މިހާ ގިނަ ދުވަސް ވަންދެން ޖާސޫސްކުރި އެއް ފަހަރެވެ.
ރޯޝާ އެންމެ ފުރަތަމަ ވަނީ ބޭރު ގައުމުގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ އިއުތިރާފް އެއްބަސްވުމެއް ހަދައި ކުށްތަކަށް އިއުތިރާފްވެފަ އެވެ.
ހުކުރު ދުވަހު މަޔާމީގައި އޮތް އަޑުއެހުން ތިން ގަޑިއިރަށް ވުރެ އިތުރުވެގެން ދިޔަ އެވެ. އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ބެތު ބްލޫމް ވިދާޅުވީ ގާނޫނުން ހުއްދަކުރާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވާނެ ކަމަށެވެ.
ރޯޝާ އަށް 15 އަހަރުގެ ޖަލު ހުކުމުގެ އިތުރުން 500،000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް އަމުރުކުރި އެވެ.
ކޮލަމްބިއާ އަށް އުފަން އެކަމަކު ފަހުން އެމެރިކާ ރައްޔިތަކަށް ވެފައިވާ ރޯޝާ ކިއުބާގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސް (ޑީޖީއައި) އަށް ޖާސޫސީ މަސައްކަތްތައް ކޮށްދޭން ފެށީ 1981 ގައި ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި އޭނާ ހައްޔަރުކުރުމާ ހަމައަށް މި މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލް މެރިކް ގާލޭންޑް ވިދާޅުވެފައިވާ ގޮތުގައި ރޯޝާ ވަނީ އެމެރިކާ އަކީ "ދުޝްމަން" ގައުމު ކަމަށް ބުނެ އެތައް ފަހަރަކު ވާހަކަ ދައްކައިފަ އެވެ. އަދި އޭނާގެ ޖާސޫސީ މަސައްކަތާ މެދު ފަހުރުވެރިވެ އެ ވާހަކަ ވެސް ދައްކާފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.
ރޯޝާ ސްޓޭޓް ޑިޕާޓްމަންޓާ ގުޅުނީ 1981 ގަ އެވެ. އޭނާ ވަނީ އިސް މަގާމުތަކަށް ބަދަލުވަމުން ގޮސް ހަވާނާ، ބިއުނޯސް އާރީޒް، މެކްސިކޯ ސިޓީ އަދި ވޮޝިންޓަންގައި ވެސް އިސް މަގާމުތައް އަދާކޮށްފަ އެވެ. އަދި ބިލް ކްލިންޓަންގެ ވެރިކަމުގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި 1994 އިން 1995 އަށް މަސައްކަތްކުރި އެވެ. ކްލިންޓަން އާއި ޖޯޑް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ބޮލީވިއާގެ ސަފީރުކަން 2000 އިން 2002 އަށް އަދާކޮށްފައި ވާއިރު އެމެރިކާގެ މިލިޓަރީ ކޮމާންޑުން ކިއުބާގެ ކަންކަމުގައި ލަފާ ދޭ އިސް މީހެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. -- އޭއެފްޕީ