ދިވެހި ސަރުކާރު ވައްޓާލުމުގެ ބައެއް މަސައްކަތްތައް މެލޭޝިޔާގައި ކޮށްފައިވާ ކަމުގެ މައުލޫމާތު އެ ގައުމުގެ ފޮރިން މިނިސްޓްރީން ދިވެހި ސަފީރު މުހައްމަދު ފަހުމީ ހަސަން އަށް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފް ވިދާޅުވީ، މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ގެންނަން އުޅުނު "ބަޣާވާތު"ގެ މަސައްކަތް މެލޭޝިޔާގައި ވެސް ކުރި ކަމަށް ސަފީރު މިރޭ މެސެޖް ކުރައްވައި ވިދާޅުވި ކަމަށެވެ.
އެ މައުލޫމާތު ފަހުމީއަށް ލިބިވަޑައިގެންނެވީ މެލޭޝިޔާގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންތަކަކާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެހެންވެ، އެ މައުލޫމާތުތައް ހޯދުމަށް މެލޭޝިޔާގެ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން ފަހުމީ އެދިވަޑައިގެންނެވި ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.
"ފަހުމީ ވިދާޅުވި ގޮތުން، އެ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދޭނެ ކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނި،" އޭނާ ވިދާޅުވި އެވެ.
ފަހުމީއާ ހަވާލާދެއްވައި އަލީ އާރިފް ވިދާޅުވީ މެލޭޝިޔާ މީހުން ރާއްޖެ ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީ ނުނެރޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި ދިވެހި ސަރުކާރާ މެދު ޔަގީންކަން އެބައޮތް ކަމަށާއި މިހާރު ދިމާވެފައިވާ ކަންކަން ސަރުކާރަށް ހައްލު ކުރެވޭނެ ކަމަށް މެލޭޝިޔާއިން ގަބޫލުކުރާ ކަމަށް ވެސް އެ ގައުމުން ބުނެފައިވާ ކަމަށް، ފަހުމީއާ ހަވާލާދެއްވައި ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އިތުރު ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފެބުރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު، ރައްޔިތުންގެ މަޖިލީހުން ވަނީ 30 ދުވަހަށް އިތުރުކޮށްފަ އެވެ.