ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ އެ މަގާމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ދަށު ކޯޓުން ފަހުމީ އަށް ނަގައިދިން ހަތަރު ލައްކަ ރުފިޔާގެ ބަދަލު ހައި ކޯޓުން މިއަދު ކުޑަކޮށްފި އެވެ.

ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުން ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2013 ގައި ނިންމީ އޭނާ ވަކިކުރަން މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ދައުވާ ކުރުމުން ސިވިލް ކޯޓުން 2015 ގައި އެންގީ ބަދަލުގެ ގޮތުގައި 421،000ރ. ފަހުމީ އަށް ދިނުމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަަބިއްޔަތުން ހުކުމްކުރީ ފަހުމީ އަށް ދައުލަތުން ދޭން ޖެހޭނީ 171،000ރ. ކަމަށެވެ. ބާކީ އޮތް 250،000ރ. އަކީ ފަހުމީ އަށް ލިބެން ޖެހޭ ބަދަލެއް ނޫން ކަމަށް ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވެ އެވެ.

ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި ފަހުމީ އަށް 171،000ރ. ދޭން ޖެހެނީ އޭނާ ސީއެސްސީން ވަކިކުރި ފަހުން މެލޭޝިއާގައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު ކަމަށް ނޮވެމްބަރު، 2013 ގައި އައްޔަން ކުރަންދެން ސީއެސްސީގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގަ އެވެ.

ބާކީ އޮތް 250،000ރ. އަކީ ސީއެސްސީގެ މެމްބަރުކަމުގެ ދައުރުގައި ބާކީ އޮތް 20 މަސް ދުވަހަށް ދަށު ކޯޓުން ނަގައިދިން އަދަދެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށް ފަހުމީ އައްޔަން ކުރެއްވި ފަހުން، އެ 20 މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ފަހުމީ އަށް ދޭން ނުޖެހޭނެ ކަމަށެވެ.

އަޣުލަބިއްޔަތު ރައުޔު އިއްވެވި ފަނޑިޔާރު ސަމީރު ވިދާޅުވީ ސީއެސްސީ މެމްބަރުން އެހެން ވަޒީފާއެއް އަދާ ކުރުމަކީ ސީއެސްސީގެ ގާނޫނު މަނާކުރާ ކަމެއް ކަމަށާއި ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު ފަހުމީ ގަބޫލުކުރެއްވުމާ އެކު ސީއެސްސީގެ މެމްބަރުކަމުގެ ޝަރުތެއް ފަހުމީގެ ކިބައިން އުނިވީ ކަމަށެވެ. އެހެންވެ، އޭގެ ފަހުން ހިނގާ މުއްދަތުގައި، ސީއެސްސީގެ މެމްބަރުންނަށް ލިބޭ މަންފާ އާއި އިނާޔަތްތައް ފަހުމީއަށް ލިބެން ނުޖެހޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

ރައުޔު ތަފާތުވި އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ރައުޔަކީ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު ފަހުމީ ގަބޫލު ކުރެއްވިޔަސް ސީއެސްސީގެ މެމްބަރުކަމުގެ ދައުރުގައި ފަހުމީ އަށް ބާކީ އޮތް 20 މަހުގެ މުސާރަ ލިބެން ޖެހޭނެ ކަމަށެވެ. އެހެންވެ، 250،000ރ. އަކީ ވެސް ފަހުމީ އަށް ދޭން ޖެހޭ ބަދަލެއް ކަމަށް އިސް ފަނޑިޔާރު ރައުޔު ނެރުއްވި އެވެ.

ފަހުމީ ދަށު ކޯޓުގައި ދައުވާ ކުރެއްވީ ލިބުނު ގެއްލުމުގެ ބަދަލާއި އިނާޔަތްތަކާ އެކު ހަ މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.