ފޭކް ކްރިޕްޓޮކަރަންސީއެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އިންވެސްޓަރުންގެ އަތުން ހަތަރު ބިލިއަނަށް ވުރެ ގިނަ ޑޮލަރު ފޭރިގަތް ޖަރުމަނުގެ އަންހެނަކު އެފްބީއައިގެ ވޯންޓެޑް ލިސްޓުގައި ހިމަނައިފި އެވެ.

"ކްރިޕްޓޮކުއީން"ގެ ގޮތުގައި މަޝްހޫރުވެފައިވާ އެ އަންހެން މީހާ ހިމަނާފައި ވަނީ އެފްބީއައި އިން ހޯދާ ދުނިޔޭގެ އެންމެ ނުރައްކާތެރި 10 ކުށްވެރިންގެ ލިސްޓުގަ އެވެ.

އެ މައްސަލައިގައި 2019 ވަނަ އަހަރު، ރުޖާ އިގްނަޓޯވާ ކިޔާ އެ އަންހެން މީހާ އަށް ވަނީ 8 ދައުވާ ވެސް ކޮށްފަ އެވެ. އޭނާއާ ދެކޮޅަށް ދައުވާކުރާ އެމެރިކާގެ ދައުލަތުގެ ވަކީލުން ބުނި ގޮތުގައި، "ވަންކޮއިން ލިމިޓެޑް" ކިޔާ ކުންފުންޏެއް ބަލްގޭރިއާގައި ހަދައި، އެ ކުންފުނީގެ ދަށުން ހިންގި ޕިރަމިޑް ސްކީމެއްގެ މައްސަލައިގައި "ވަޔާ ފްރޯޑް އެންޑް ސެކިއުރިޓީ ފްރޯޑް"ގެ ދައުވާ ވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

"އޭނާ އެ ސްކީމް ވަރަށް ހީލަތްތެރިކަމާ އެކު ރާވާލައި، ކްރިޕްޓޮކަރަންސީ ވައިގައިހިފަން ފެށި ދުވަސްވަރުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރި،" ދައުލަތުގެ ވަކީލުން ޓީމުގައި އިސްކޮށް އުޅުއްވާ ޑެމިއަން ވިލިއަމްސް ވިދާޅުވި އެވެ.

ވިލިއަމްސް ވިދާޅުވި ގޮތުގައި "ވަންކޮއިން" އަކީ ދުނިޔޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޕޮންޒީ ސްކީމެވެ.

"ވަންކޮއިން"ގެ މައްސަލައިގައި އެފްބީއާ އިން އިގްނަޓޯވާ ހޯދާކަން އެނގުމުން، 2017 ވަނަ އަހަރު އޭނާ ވަނީ ފިލައިފަ އެވެ. އެފްބީއައި އިން ހޯދާކަން އިގްނަޓޯވާ އަށް އެނގުނީ އޭނާ ހިތާވެގެން އުޅުނު އެމެރިކާގެ ލޯބިވެރިޔާގެ އެޕާޓްމަންޓަށް ވަދެ ބެލިއިރު، "ވަންކޮއިން"ގެ މައްސަލައިގައި އެ ފިރިހެން މީހާ އެފްބީއައިއާ މައުލޫމާތު ދީފައިވާ ކަން އެނގުމުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެކަން އެނގުމުން އޭނާ ވަނީ ބަލްގޭރިއާގެ ފްލައިޓަކުން ގްރީސް އަށް ގޮސްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް އޭނާ ފެނިފައެއް ނުވެ އެވެ.

އޭނާއާ ގުޅޭ މައުލޫމާތު ދޭ މީހަކަށް 100،000 ޑޮލަރުގެ އިނާމެއް ދޭން އެފްބީއައިން ވަނީ ނިންމައިފަ އެވެ.