ކާޅަކީ ގިނަ ބަޔަކު އެހާ ގަޔާވާ އެއްޗަކަށް ނުވިޔަސް މިއީ ބުއްދުވެރި އެއްޗެކެވެ. ފުޅިއެއްގެ އަޑީގައި ހުރި ކުޑަކުޑަ ފެންފޮދެއް ތުންގަނޑާ ހަމައަށް ގެންނަން އޭގެ ތެރެއަށް ހިލަކޮޅު އަޅައިގެން ކާޅު ފެންފޮދު ބޯލަން ކުރި ބުއްދިވެރި މަސައްކަތުގެ ވާހަކަ ވެސް މަޝްހޫރެވެ.
އެހެންވެ ކާޅު ބުއްދީގެ ބޭނުން ވެސް ކޮންމެވެސް ސިފައެއްގައި ހިފަން ވާނެ އެވެ. ފްރާންސުން މިހާރު ކުޅަން އުޅޭ ކަމަކީ މިއީ އެވެ.
އެ ގައުމުގެ ތާރީހީ ތީމް ޕާކެއް ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުން ތަމްރީނުކޮށްފައިވާ "ވިސްނުން ތޫނު" ކާޅުތަކެއް ހިދުމަތަށް ނެރެން ވަނީ ނިންމައިފަ އެވެ.
ފްރާންސްގެ ހުޅަނގު ވެންޑީގައި ހުންނަ ޕު ޑޫ ފޯ ތީމް ޕާކްގެ ހިދުމަތަށް އަންނަ ހަފުތާގައި ހަ ކާޅު ނެރޭނެ އެވެ. އެ ކާޅުތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕާކަށް ޒިޔާރަތް ކުރާ މީހުން އެ ތަނަށް އަޅާ ސިނގިރެޓް ފިލްޓަރުތަކާއި އެ ނޫން ވެސް ކުދިކުދި ކުނިތައް ނަގައި ޑަސްބިންތަކަށް ޖަމާކޮށް، ތަނުގެ ސާފުކަން ދެމެހެއްޓުމެވެ.
މިކަމާ ބެހޭ ގޮތުން ތީމް ޕާކްގެ ރައީސް ނިކޮލަސް ޑި ވިލިއާސް ބުނި ގޮތުގައި ކާޅުތަކެއް ހިދުމަތަށް ނެރުމަކީ ހަމައެކަނި ޕާކްގެ ސާފު ތާހިރުކަން ދެމެހެއްޓުމެއް ނޫނެވެ. އަދި އެކަމަކީ ޕާކަށް ޒިޔާރަތް ކުރާ މީހުންނަށް އިބުރަތްތެރި މެސެޖެއް ފޯރުކޮށް ދިނުމުގެ ކުރާ ކަމެއް ކަމަށް ބުންޏެވެ.
ނިކޮލަސް ބުނި ގޮތުގައި ކުރާ މަސައްކަތުގެ "އުޖޫރައެއް" ގެ ގޮތުގައި ކާޅުތައް ގަޔާވާ ކަހަލަ ކާނާތައް ދޭނެ އެވެ.
އޭނާ ބުނި ގޮތުގައި ކާޅަކީ ގާތްކޮށްގެން ގެންގުޅެފި ނަމަ އިންސާނުންނާ ވަރަށް ގުޅިގެން އުޅޭނެ އެއްޗެކެވެ.