ކާޅަށް ހާއްސަކޮށް ދުނިޔޭގައި ހުޅުވި ފުރަތަމަ ކެފޭ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުޅުވައިފި އެވެ.
މި ކެފޭ ހެދުމުގައި ބައިވެރިވި ޓްރެވަ ސްމިތު، 61، ބުނީ ކާޅާ ބެހޭ ގޮތުން އަބަދުވެސް އިވެނީ ވަރަށް ގޯސް ވާހަކަތައް ކަމަށާއި މިއީ ކާޅާ މެދު ދެކޭ ގޮތް ރަނގަޅު ކުރުމަށް ހުޅުވި ކެފޭއެއް ކަމަށެވެ. ސްމިތު އޭނާގެ އުމުރުން ހަ އަހަރުން ފެށިގެން އޭނާގެ ގޭގައި ކާޅު ގެންގުޅެ އެވެ.
ސްމިތާ އެކު ކެފޭގެ މަސައްކަތުގައި އުޅޭ އެހެން މީހެއް ކަމަށްވާ ޗާލީ ގްލިމާ އަކީ ވެސް ދޫނި ގެންގުޅޭ މީހެކެވެ.
"ކާޅަކީ ރީތި އަދި ވިސްނުން ތޫނު އާދަޔާ ހިލާފް ދޫންޏެއް. މިއީ މި ދޫންޏާ މެދު މީހުން ދެކޭ ނުރަނގަޅު ގޮތް ބަދަލުކުރުމަށް ފެށި މަސައްކަތެއް،" ދަ ސްޓޭންޑަޑް ނޫހަށް ގްލިމާ ބުނެފައިވެ އެވެ.
ކެފޭ ހުޅުވި ރަސްމިއްޔާތަށް މަޝްހޫރު ބައެއް ފަންނާނުން ދިޔަ އެވެ. އަދި ދޫނި ގެންގުޅޭ މީހުން ވެސް ބައިވެރިވި އެވެ.
މިތަނަށް ދިޔަ މީހުން ބުނެފައި ވަނީ މިއީ ވަރަށް މުހިންމު ތަނެއް ކަމަށާއި މިއީ ޒިޔާރަތްކޮށްލަން ހަމަ ރަނގަޅު ތަނެއް ކަމަށެވެ.