ކްރޮއޭޝިއާގެ އާ ރައީސް ޒޮރާން މިލަނޯވިކް މަގާމާ ހަވާލުވެޑައިގަތުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ލަވަކިޔުންތެރިޔަކު ގައުމީ ސަލާމަށް ހަޖޫ ޖަހައި، މަލާމާތްކުރާ ގޮތަށް ލަވަކިޔުމުން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯސިޕާ ލިޒެކްގެ މައްޗަށް ދައުވާކުރީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ބޮސްކޯ ޒުޕަނޮވިކެވެ. ގައުމީ ސަލާމް "އަވަ ބިއުޓިފިލް ހޯމްލޭންޑް" އަށް އިހުތިރާމު ކުޑަވާ ގޮތަށް އަމަލުކުރުމަކީ ކްރޮއޭޝިއާގައި ގާނޫނީ ކުށެކެވެ. އަދި އެ ކުށުގެ އެންމެ ކުޑަ އަދަބަކީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
ބޮސްކޯގެ ދައުވާގައި ބުނީ ރަސްމީ ހަފުލާއެއްގެ ތެރޭގައި ގައުމީ ސަލާމަށް އިހުތިރާމު ކުޑަވާ ގޮތަށް ޖޯސިޕާ ލަވަކިޔުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގައުމަށް ވެސް ކުރި މަލާމާތެއް ކަމަށެވެ. މި މައްސަލާގައި ޖޯސިޕާގެ މައްޗަށް ދައުވާކުރުމުން ބައެއް މީހުން ވަނީ މިއީ މީޑިއާގެ ސަމާލުކަން ހޯދަން ބޮސްކޯ ކުރި ކަމެއް ކަމަށް ބުނެ އޭނާ އަށް ފާޑު ވެސް ކިޔައިފަ އެވެ.
ނަމަވެސް ބޮސްކޯ ބުނީ މީޑިއާގެ ސަމާލުކަން ބޭނުން ނުވާ ކަމަށާއި އޭނާ އަދާކުރީ މަދަނީ ހައްގެއްގެ ޒިންމާ ކަމަށެވެ.
މި މައްސަލާގައި ޖޯސިޕާގެ ރެކޯޑް ލޭބަލާއި ކްރޮއޭޝާގެ މިއުޒިޝަން ޔުނިއަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ދައުވާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމުގެ ދައުވާއެއް ކަމަށާއި ފަންނާނުންނަށް ކުރާ އެފަދަ ދައުވާތަކަކީ އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން ކުރިމަތިކުރާ ހުރަހެއް ކަމަށެވެ. އަދި ޖޯސިޕާ މި މައްސަލާގައި މައާފަށް ނޭދޭނެ ކަމަށް ވެސް ބުންޏެވެ.
އުމުރުން 53 އަހަރުގެ ޖޯސިޕާ އަކީ އެތަކެއް އެވޯޑެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާ ލަވަކީ އިރު އެކީގައި ޖޭޒް ޕިއާނިސްޓް ޖެޒްޑާން ރޫޒިކް ވެސް ބައިވެރިވި އެވެ.