ކްރޮއޭޝިއާގައި މިހާރު ކުރިއަށްދާ މުބާރަތަކުން، ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ދެވަނަ ހޯދައިފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ޓްރޭނިން ސްކޮލާޝިޕެއްގެ ދަށުން، ކްރޮއޭޝިއާގައި ތަމުރީނު ހަދަމުން އަންނަ ދީމާ ވަނީ ޑޫގޯ ސެލޯ ސިޓީގައި ކުރިއަށްދާ ޑުރޯ ޑުބެނިކް މެމޯރިއަލް މުބާރާތުގެ 17 އަހަރުންދަށުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.

ފައިނަލުގައި ދީމާ ބަލިވީ، ޕޮލެންޑްގެ ކުޅުންތެރިޔެއް އަތުންނެވެ. އެ މުބާރާތުގެ ޓީމު އިވެންޓްގެ ކުއާޓާ ފައިނަލަށް ވެސް ދީމާ ކުޅޭ ކްލަބް ދަތުރު ކުރި އެވެ.

ކްރޮއޭޝިއާގައި އޭނާ ތަމްރީނު ހަދަމުން އަންނަނީ އެ ކްލަބްގެ ކޯޗުންގެ ބެލުމުގެ ދަށުންނެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ޒެވޯނިމިރް ކޮރެނިޗްގެ ޓްރޭނިންތަކުގައި ވެސް ހަފުތާއަކު ތިން ފަހަރު ދީމާ ބައިވެރި ވެއެވެ.

މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމުގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ޓީމު ވަނީ ކްރޮއޭޝިއާގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އޭރު ކްރޮއޭޝިއާގައި ބޭއްވި އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކޮށް ދީމާ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.