އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް ކަމަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލަކީ ވެސް އެ މަނިކުފާނު ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން މިއަދު ކޯޓުގައި ބުނެފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް މިއަދު ކްރިމިނަލް ކޯޓުގައި އޮތެވެ.
އެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ވަކީލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މުޅި ކޮރަޕްޝަން ހިންގާފައިވަނީ އޭރު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީންގެ ސީދާ އިރުޝާދަށެވެ.
އެކަމަށް ބާރު ދެއްވުމުގެ ގޮތުން ޝަފީއު ފާހަގަކުރެއްވި ކަންކަން:
- އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އަމަލީ ގޮތުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޔާމީން ކަމާއި އޭނާ ކޮރަޕްޝަން ހިންގާ ކަމުގެ މައުލޫމާތު ލިބެމުންދަނިކޮށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ކަން
- ޓޫރިޒަމަށް ރަށްރަށަށް ކުއްޔަށް ދޫކުރުން ފަދަ މުއާމަލާތްތައް ހިންގުން، ޓޫރިޒަމް އިޝްތިހާރު ކުރަން އުފެއްދި އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރި ކަން
- ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށް ފަހު ވެސް ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ ޒިންމާތަކެއް އަދީބާ ހަވާލުކޮށްފައިވާ ކަން
- އެ ކަންކަން ކަމުގައި ޔާމީން އަދީބަށް އިންތިހާއަށް އިތުބާރު ކުރައްވާފައިވާއިރު، އެ އިތުބާރު ގުޅިފައިވަނީ ފައިސާއާ ކަންކަން
މި ބޮޑު ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި މައްސަލައަކީ އެއް މުއާމަލާތް ކަން ފާހަގަކުރައްވަމުން ޝަފީއު ވިދާޅުވީ އެކަން ކޮށްފައިވަނީ ޔާމީނަށް ފައިސާ ހޯދުމަށް ކަމަށާއި އެކަމުގައި ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ.
ފުއްގިރި ކުއްޔަށް ދޫކޮށްފައިވަނީ ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް 1.5 މިލިއަން ޑޮލަރަށެވެ. އެކަން ކޮށްފައިވަނީ ހަތަރު ލައްކަ ޑޮލަރަށް ފުއްގިރި ކުއްޔަށް ދޭން ނިންމާފައިވާ އޮތް ނިންމުމެއް ބަދަލުކުރުމަށް ފަހު ކަމަށް ޔާމީންގެ ފަރާތުން ބުނެ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ އެ ސަރުކާރުން މަސައްކަތް ކުރަމުންދިޔައީ ފުއްގިރި ކުއްޔަށް ދީގެން ދައުލަތަށް ހަތަރު ލައްކަ ޑޮލަރު ވެއްދުމަށް ފަހު ބާކީ ބައި ޔާމީނާއި ޕީޕީއެމްއަށް ވެއްދުމަށް ކަމަށެވެ. ރޭވުމެއްގެ ގޮތުގައި އޮތީ ރަސްމީ އަގުގެ ގޮތުގައި ހަތަރު ލައްކަ ޑޮލަރު ދެއްކުން ކަމަށެވެ.
ނަމަވެސް، އެކަން ނާކާމިޔާބުވީ އެހާ ކުޑަ އަގެއް އޮތުމުން ފަހުން ގާނޫނީ މައްސަލަތަކެއް ނުކުމެދާނެތީ ދުބާއީގެ ކުންފުނިން އެކަމަށް އެއްބަސްނުވުމުން ކަމަށް ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 1.5 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރިއިރު އެއީ ފަސް މިލިއަން ޑޮލަރުގެ އަގުހުރި ރަށެކެވެ. އެ ރަށް ކުއްޔަށް ނެގުމަށް ރަސްމީގެ އަގުގެ ގޮތުގައި 1.5 މިލިއަން އޮތަސް ޝަފީއު ވިދާޅުވި ގޮތުގައި އެ މުއާމަލާތުގައި ޔާމީނަށް ލިބުނު ފައިސާއާ އެކު ކުންފުނިން ވަނީ 2.6 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީނަށް ރިޝްވަތު ނަގައިދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، ދައުލަތުން ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ.
ޔާމީން ލޯންޑާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ލޯންޑާކޮށްދިން ކަމުގެ ދައުވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރި އެވެ. ނަމަވެސް، އެ ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތެއް ނުވި އެވެ. އެ މައްސަލައިގައި އިތުރު ނިންމުމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެ ދައުލަތުން ވަނީ އިސްތިއުނާފު ނުކުރަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ޔާމީންގެ ފަރާތުން ސުވާލު އުފައްދަ އެވެ. އެއީ ފުއްގިރި މައްސަލައިގެ ތުހުމަތުވި އެހެން އެންމެންގެ މައްސަލަ ދޫކޮށްލުމަށް ފަހު، ހަމައެކަނި ޔާމީންގެ މައްސަލަ ދައުލަތުން ކުރިއަށް ގެންދާތީ އެވެ.
އެކަމަށް ރައްދު ދެއްވަމުން ވަކީލް ޝަފީއު މިއަދު ވިދާޅުވީ ޔާމީނާ އެއް ހާލަތެއްގައި ހުރި މީހަކު މި މައްސަލައިގައި ނެތް ކަމަށާއި ބޭއިންސާފަކަށްވީހީ އެއް ހާލަތެއްގައި ތިބި ދެ މީހަކަށް އެއް ހަމައަކުން އަމަލުނުކުރި ނަމަ ކަމަށެވެ.
ޝަފީއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެ މަގާމުގެ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކޮރަޕްޝަނަކަށް ނުފޫޒު ފޯރުވުމަށް ފައިސާ ލިބުމަކީ ވެސް އެހެން މީހުންނާ އާދަޔާ ހިލާފު ބޮޑު ފަރަގެއް އޮތް ކަމެއް ކަމަށެވެ.
"ފުއްގިރީގެ ކޮރަޕްޝަނަކީ ޔާމީނަށް ރިޝްވަތުގެ ފައިސާ ހޯދަން ހިންގި ކޮރަޕްޝަނެއް،" ވަކީލް ވިދާޅުވި އެވެ.
ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންނަތާ އެތައް ދުވަހެއްވެފައިވާއިރު، މިއަދު ވަނީ މައްސަލަ ނިމުމަކާ ހަމައަށް އައިސްފަ އެވެ. އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭ ހުކުމް އިއްވަން ޖެހެ އެވެ.
މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނަތް ހިންގި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ބާތިލްކޮށް ހައި ކޯޓުން އަލުން ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ.