ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީ އަށް ފައިނޭންސް ލީސް ކުރުމުގެ ހުއްދަ އެމްއެމްއޭ އިން ދީފި އެވެ.

މި ހުއްދަ ދީފައިވަނީ މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވަރުނަރު އަލީ ހާޝިމް އެވެ. ސީއެމްޑީއޭގެ ފަރާތުން މި ހުއްދައާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒާހިރު އާއި ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ. މި ދެ ބޭފުޅުންނަކީ ވެސް ވިލާ ގްރޫޕުގެ އިސް ދެ ބޭފުޅުން ނެވެ.

އެ ކުންފުންޏަށް ހުއްދަ ދީފައި ވާއިރު ޖުލައި 8 ގެ ކުރިން އެ ކުންފުނިން ވިޔަފާރި ފަށަން ޖެހޭނެ އެވެ. ސީއެމްޑީ ފައިނޭންސް އިން މި ހިދުމަތް ފެށުމުން އެމްއެފްއެލްސީ އާއި ބީއެމްއެލް އަދި އެމްއައިބީގެ ކްރެޑިޓް ސްކީމް ފަދައިން އެ ކުންފުނި މެދުވެރިކޮށްގެން ވެސް މުދާ ނެގޭނެ އެވެ.

ފައިނޭންސް ލީސް ކުރުމަކީ ކްރެޑިޓް ސްކީމެކެވެ. މި ސްކީމްގެ ދަށުން އެ ކުންފުންޏެއް މެދުވެރިކޮށް ވަގުތުން މުދާ ގަތުމަށް ފަހު ވަކި މުއްދަތަކަށް އިންސްޓޯލްމެންޓަށް ޕޭމަންޓް ދައްކާލެވޭނެ އެވެ.

އެމްއެމްއޭ އިން ބުނީ ސީއެމްޑީ ފައިނޭންސް އިން ވިޔަފާރި ފެށުމުން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާ އެކު ފުޅާކޮށް ތަރައްގީ ކުރުމަށާއި ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ސީއެމްޑީ ފައިނޭންސަކީ ރާއްޖޭގައި ރެޖިސްޓާ ކޮށްފައިވާ ކުންފުންޏެއް ކަމުގައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީގެ 80 ޕަސެންޓް ހިއްސާދާރަކީ ޖަޕާނުގެ ކުންފުންޏެކެވެ.