ޓިކެޓް ނެގުމަށްފަހު ފައިސާ އަނބުރާ ނުދައްކާތާ ގިނަ ދުވަސް ވެފައިވާ 43 ފަރާތަކަށް މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކުރުން ހުއްޓާލައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ކްރެޑިޓަށް ޓިކެޓް ދިނުން ހުއްޓާލީ އެ ކުންފުންޏަށް ފައިސާ ދައްކަންޖެހި އެކަމަކު ފައިސާ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަންތަނަށް ކަމަަށެވެ. އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަންގެ އެތެރޭގެ ޑޮކިއުމެންޓްގައިވާ ގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި ކައުންސިލްތަކާއި ލަގްޒަރީ ރިސޯޓުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އަދި ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކުރުން ހުއްޓާލި ބައެއް އިދާރާތަކުން ސްކީމް ފެށުނީއްސުރެ އެއްވެސް ފައިސާއެއް ނުދައްކާ ވެސް އެބަހުއްޓެވެ. ކްރެޑިޓް ސްކީމުގެ ދަށުން އަނބުރާ ނުލިބެނީ ކިހާވަރެއް ކަމެއް މޯލްޑިވިއަން އިން ހާމަކޮށްފައެއް ނުވެ އެވެ.
މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކުރާ ސްކީމުތަކުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ގިނަ ފަރާތްތައް ވެސް ހިމެނެ އެވެ.