ފްލެޓެއް ދޭން ކަމަށް ބުނެ ފިނޭންސް މިނިސްޓްރީގެ ޒިންމާދާރުވެރިޔާ އަށް އޮޅުވާލައިގެން އެ މިނިސްޓްރީގެ ކްރެޑިޓް ކާޑުން ލައްކައެއްހާ ރުފިޔާ އަތުލައިގެންފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ އަބްދުالله އަލީ އަށް އޮޅުވާލީ ހުޅުމާލެ އިން ގަތުމަށް ހުޅުވާލާފައިވާ ވިނަރެސް ފްލެޓް ދޭން ކަމަށް ބުނެ ގުޅައިގެންނެވެ. އެތަނުން އެޕާޓްމަންޓެއް ގަތުމަށް އޭނާއަށް ހުށަހެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ގެ ނަމުގައި ކަމަށް ވެ އެވެ.

އެކަމަކު އެޗްޑީސީން ވަނީ އެ ކުންފުނީގެ ނަމުގައި ފްލެޓްދޭން ގުޅާތީ އެއީ އޮޅުވާލުމެއް ކަމަށް ބުނެ އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މީގެ ދެ މަހެއްހާ ދުވަސްކުރިން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓު ގަތުމަށް ހުޅުވާ އުސޫލުން ބޭރުން ފްލެޓް ދޭނެ ކަމަށް ބުނެ އަދި ފައިސާގެ މުއާމަލާތް ހިންގަން އެ ކުންފުނިން ގުޅައި ފައިސާ ޓްރާންސްފާކުރަން ނޭދޭނެ ކަމަށެވެ.

ފިނޭންސްގެ މާލީ ޒިންމާދާރުވެރިޔާ އަށް ގުޅައި އެދުނީ, އެނގިފައިވާ ގޮތުގައި, ވިނަރެސް ފްލެޓު ކަށަވަރުވެފައިވާ ކަމުގެ ޔަގީންކަން ދީ ޑައުންޕޭމަންޓަށްވާ ފައިސާ ޖަމާކޮށްދިނުމަށެވެ.

އޭނާގެ ޒިންމާގެ ދަށުގައި އޮންނަ ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް އަމިއްލަ ބޭނުމަކަށް ބޭނުންކުރަން ޖެހުނު ސަބަބެއް ސާފު ނުވިޔަސް އެ ކޯލުގައި އެދުނު މިންވަރަށް ފައިސާ ކަނޑާފައި ވަނީ އެ ކާޑުން ކަމަށްވެ އެވެ. ފައިސާ ޖަމާކުރަން އެދި ގުޅާ ކޯލުތަކުގައި، އާއްމުކޮށް އެދެނީ އެ މީހެއްގެ ކާޑުގެ މައުލޫމާތަށެވެ. އެންމެ ގިނައިން އެދެނީ ފައިސާގެ މުއާމަލާތް ހިންގަން ޖެހުމުން ފޯނަށް ދާ އޯޓީޕީ ނަމްބަރު ފޮނުވައިދޭށެވެ.

ފިނޭންސްގެ މާލީ ޒިންމާދާރުވެރިޔާ އަށް އޮޅުވާލައިގެން އެ މުއާމަލާތުން ފައިސާ ނެގި ގޮތާ ގުޅިގެން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ. އޮފީސްތަކުގައި ކްރެޑިޓް ކާޑު ބޭނުންކުރަން އޮންނަނީ ކުރަން ޖެހޭ ރަސްމީ ބޭނުންތަކަށް އެކަންޏެވެ.

އެނގިފައިވާ ގޮތުގައި މާލީ ޒިންމާދާރުވެރިޔާ ވަނީ ފިނޭންސްގެ ކްރެޑިޓް ކާޑުން ކެނޑުނު ފައިސާ އަނބުރާ ދައްކައިފަ އެވެ. އެ މައްސަލަ ޕޮލިހަށް ރިޕޯޓްކުރީ ވެސް އޭނަ އެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޮޅުވާލައިގެން ފައިސާ ހޯދުން އާއްމުވެފައިވާ އިރު ފުލުހުން ވެސް ވަނީ އެފަދަ ކޯލުތަކަށް ސަމާލުވާން ތަކުރާރުކޮށް އެދިފަ އެވެ. ދިރާގާއި އުރީދޫ މެދުވެރިކޮށް ރީލޯޑުކުރުމާއި ފްލެޓާއި ސައިކަލް އަދި އެ ނޫން ވެސް އަގުބޮޑު މުދާ ހެޔޮއަގުގައި ފޯރުކޮށްދޭން ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަކާރާއި ހީލަތުން ފައިސާ ހޯދަން އެތައް އުކުޅެއް ބޭނުންކުރެ އެވެ. އޭގެތެރޭގައި އެކި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ގުޅައި އެކަމުން ސަލާމަތްކޮށްދޭނެ ކަމަށް ބުނެ ވަކިވަރަކަށް ފައިސާއަށް އެދެ އެވެ.

އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައިގެން ބޭންކް އެކައުންޓްގެ މައުލޫމާތުތައް ވެސް ހޯދަ އެވެ. މިފަދަ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މުއައްސަސާ އިން ވަނީ ބުނެފަ އެވެ.